Last Updated: June 15, 13:32
Monday, June 15, 2026
ޚަބަރު

"ޚަޝޯގީ މަރާލީ ދުރާލާ ރާވައިގެން، މަސައްކަތް ހުއްޓާލާނީ ރޭވި ބަޔަކު ހޯދުމަށްފަހު"

މިމަހުގެ ދެވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ވަނުމުން މަރާލި ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ، ޖަމާލް ޚާޝޯގީ މަރާލުމުގައި ސައުދީ ދެ ޓީމަކުން ބައިވެރިވި ކަމަށް ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ޚާޝޯގީ މަރާލި ހާދިސާގެ ތަފްސީލުތައް މިއަދު އެގައުމުގެ ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވަމުން އަންނަ އިރު އުރުދުޣާން ވިދާޅުވެފައިވަނީ ޚަޝޯގީ މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށެވެ.

އަދި ޚަޝޯގީ މަރާލުމަށް 9 މީހަކު އެދުވަހު ތުރުކީއަށް އައި ކަމަށާއި އޭގެ ތެެރޭގައި ސައުދީގެ ޖެނެރަލުން ވެސް ހިމެނޭ ކަމަށް އުރުދުޣާން ވިދާޅުވިއެވެ. އަދި މަރާލުމުގައި 15 މީހަކު ބައިވެރިވި ކަމަށާއި ސައުދީން ވަނީ ޚަޝޯގީއާ ވައްތަރު މީހަކު އެތަނުން ނެރެ، އޭނާ ނެރުނު ކަމަށް ދައްކަން ގެނެސްފައި ކަމަށް ވެސް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

"ތުރުކީ އިން މިމައްސަލާގައި މަޑުން ނުތިބޭނެ. ޖަމާލް ޚާޝޯގީ މަރާލުމުގައި ބައިވެރިވި މީހުންނާ މެދު އެޅެން އޮތް ފިޔަވަޅެއް އަޅާނަން. ސައުދީ ރަސްގެފާނާއި މަޝްވަރާ ކުރުމަށް ފަހު ދެގައުމުގެ އޮފިޝަލުންގެ ޓީމެއް ވަނީ ތަހުގީގުގެ އިތުރު މަސައްކަތް ފަށާފައި"

އުރުދުޣާން އިތުރަށް ވިދާޅުވެފައިވަނީ ތުރުކީއިން މިމައްސަލަ ބަލަމުންދާތީ ފާޑުކިޔުންތައް އަމާޒު ވަމުން އަންނަ ކަމަށެވެ. ނަމަވެސް މި ލާއިންސާނީ އަމަލު ހިންގާފައިވަނީ ތުރުކީގެ ފަސްގަނޑުގައި ކަމަށާއި މިއީ ތުރުކީ ސަރުކާރުން އޮއްބާލާނެ ކަމެއް ނޫން ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ސައުދީން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންނަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ. 15 މީހަކު މިކަމުގައި ބައިވެރިވި ކަން އެނގޭ ކަމަށާއި ނަމަވެސް އެމީހުން މަސައްކަތް ކުރީ ކާކުގެ އޯޑަރަށްތޯ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ތުރުކީ ތަހުގީގީ އިދާރާ އިން ހޯދި ހޯދުން ތަކުން އެނގެނީ މިއީ ދުރާލާ ރާވައިގެން ކުރި ކަމެއް ކަން. ތުރުކީ އަދި މުޅި ދުނިޔެއަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ މިކަން ރޭވި މީހުން ހޯދި، އެމީހުންނަށް ވެސް ހައްގު އަދަބު ލިބިގެން" ވާހަކަ ނިންމަވާލައްވަމުން އުރުދުޣާން ވިދާޅުވިއެވެ.