Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކޭޝް ފްލޯ ދަށްވެ އެޗްޑީސީން ސަތޭކަ މިލިއަނާ ގާތްކުރާ ލޯނެެއް ނަގައިފި

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފިނޭންސް މިނިސްޓްރީން 94 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފިއެވެ.

އެޗްޑީސީ އިން ރައީސް ޔާމީންގެ ކެމްޕޭނަށާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތް އިބްރާހިމްގެ ހިތާނީ ކޭމްޕަށް އެތައް މިލިއަން ރުފިޔާއިން ޚަރަދުކޮށްފައިވާ ކަމުގެ ލިޔުންތައް ލީކުވެ، އިންޓާނަލް އޮޑިޓެއްވެސް ހިނގަމުންދާ މިދަނޑިވަޅުގައި ފިނޭންސުން މިހާ ބޮޑު ލޯނެއް ނަގަން މަޖުބޫރުވީ ކޭޝް ފްލޯ އިންތިހާއަށް ދަށްވެ މުވައްޒަފުންގެ މުސާރަ ނުދެވޭ ހިސާބަށް ގޮސްގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެޗްޑީސީއަށް ފިނޭންސް މިނިސްޓްރީން ސަތޭކަ މިލިއަން ރުފިޔާއާ ގާތްކުރާ ލޯނެއް ދީފައިވަނީ އެކުންފުނިން މިނިސްޓްރީގައި އެދުމުން، މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކުންފުނީގެ ކޭޝް ފްލޯ ދަށްވެ މިހާލަތަށް ވެއްޓޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން މީގެކުރިން ވެސް ބުނެފައިވާއިރު އެކުންފުނީގެ އިސް އޮފިޝަލުން ވަނީ ކުންފުނީގެ ހާލަތު ދަށް ނޫން ކަމަށާއި ކެމްޕޭނަށް ވެސް ޚަރަދުކޮށްފައިނުވާނެ ކަމަށް ބުނެފައެވެ.

އެޗްޑީސީގެ އިންޓާނަލް އޮޑިޓެއް ކުރަމުންދާއިރު އޮޑިޓަރ ޖެނެރަލްސް އޮފީހުންވެސް ވަރަށް އަވަހަށް އެކުންފުނީގެ އޮޑިޓެއް ކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.