އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ، އިތުރު ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތަކެއް ސުޕްރީމް ކޯޓްގައި ތާވަލުކޮށްފިއެވެ.
އެގޮތުން ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި ވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑީގެ މައްސަލައެވެ.
މާދަމާ މެންދުރުފަހު 13:00 އަށް މުސްތަފާގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓްގައި ތާވަލްކޮށްފައިވާއިރު، އަލީ ޝާހުގެ ގޮނޑީގެ މައްސަލަ ތާވަލް ކޮށްފައިވަނީ މާދަމާ މެންދުރުފަހު 14:00 އަށެވެ.
އަދި މުހައްމާގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކަމަށްވާއިރު، ޝަހުދީގެ ގޮނޑީގެ މައްސަލަ ތާވަލް ކޮށްފައި ވަނީ ހަމަ އެދުވަހުގެ މެންދުރުފަހު 13:00 އަށެވެ.
އީސީ އިން ޖުމްލަ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލާފައިވާއިރު، އޭގެތެރެއިން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ހުކުމްކޮށްފަ އެވެ.
މީގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް އަންގާރަ ދުވަހު ވަނީ ނިންމާލާފައިވާއިރު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލާފައެވެ. އެ މައްސަލަތަކުގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.