Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

49 މެމްބަރުންގެ ސޮޔާއެކު ނަޝީދު މިނިވަން ކުރަން ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި އެވެ.

މިކަން ހާމަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އދ. ގެ ވޯކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޔޫއެންޑަބްލިއުޖީއޭޑީ) އާއި އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޓީ އިން ނިންމާފައިވާ ނިންމުންތައް ތަންފީޒުކޮށް، ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ ޤަރާރުގައި ޖުމްލަ 49 މެމްބަރަކު ސޮއިކޮށްފައިވާ ކަމަށްވެސް އީވާ ވިދާޅުވި އެވެ. އީވާ ވަނީ އެ ޤަރާރުގެ ފޮޓޯތައް ވެސް އެ ޓްވީޓްގައި އެޓޭޗްކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަޤާމުގައި ކުރިން ހުންނެވި ފަނޑިޔާރު އަބްދުﷲ މުހައްމަދު ހައްޔަރުކޮށް އެކަހެރި ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އެހެންނަމަވެސް އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެނބުރި ޤައުމަށް ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށާއި، އެދުވަސް ފާހަގަ ކުރާނީ ބޮޑު އީދެއްގެ ގޮތުގައި، ވަރަށް ކުލަގަދަކޮށް ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

– ތަފްސީލް އަންނަނީ –