ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ އިއްޔެގެ ކައުންސިލް ބައްދަލުވުން ތެރޭގައި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި ރައީސް ޔާމީނާ ދެމެދު ހޫނު ޒުވާބެއް ހިނގައި، ބައްދަލުވުން ހޫނުވެ ބައެއް މެމްބަރުން ބައްދަލުވުން ދޫކޮށް ވަޑައިގެންފިއެވެ.
ރިޔާޒުގެ އިތުރުންވެސް އިއްޔެގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ ކައުންސިލްގައި ނިންމި ނިންމުންތަކަށް ފާޑުވިދާޅުވެފައެވެ. މައްސަލަ ހޫނުވެގެން ގޮސްފައިވަނީ ޕާޓީގެ އިސްތިއުނާފް ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު ވަކިކޮށް އެހެން މީހަކު އައްޔަން ކުރުމުންނެވެ.
ރިޔާޒާއެކު މިކަމަށް ފާޑުވިދާޅުވި މެމްބަރުންގެ ތެރޭގައި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް(ރެޑްވޭވް) އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް(ޓޮމް) ހިމެނެއެވެ. މައްސަލަ ހޫނުވެގެން ޖަލްސާ ދޫކުރައްވައި ވަޑައިގެންފައިވަނީ ރެޑްވޭވް ސަލީމެވެ.
އިއްޔެގެ ބައްދަލުވުން ހޫނުވެ ރިޔާޒު ރަޝީދާއި ރައީސް ޔާމީނާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރެވިފައިވާއިރު އިސް ބޭފުޅުން ތިއްބެވީ ބައްދަލުވުމުގައި ހިމޭނުންނެވެ. ރިޔާޒު ވަނީ ޕީޕީއެމްގެ ކޮންގްރެސް، އަސާސީ ގަވާއިދުތަކާ ޚިލާފަށް ބޭއްވީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.
އަދި ނައިބު ލީޑަރަކަށް އައްޔަން ކުރެއްވި އާޒިމާ ޝުކޫރަކީ ޕީޕީއެމް މެމްބަރެއްތޯ ސުވާލުކޮށް، ނައިބު ލީޑަރުކަމަށް ވާދަކުރެއްވި ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީއަކީ އެއީ އެމްޑީއޭ މެމްބަރެއް ކަމަށް ވިދާޅުވެ ނުރުހުން ފާޅުކޮށްފައެވެ.
ރައްދު ދެއްވަމުން ރައީސް ޔާމީން ވަނީ ފެބްރުއަރީ މަހުން ފެށިގެން ރިޔާޒު ޕީޕީއެމް ހަރަކާތްތަކުން ނުފެންނަނީ ކީއްވެތޯ އަދި ޕީޕީއެމާއި ސަރުކާރު ދިފާއު ނުކުރައްވަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ. ޖަވާބުގައި ރިޔާޒު ވަނީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް ދެއްކި ބަހަނާތަކާއި އޭގެ ފަހުން ހިނގި ކަންތައް ދިފާއު ކުރާނީ ކިހިނެއްތޯ ސުވާލުކޮށްފައެވެ.
އަދި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ހުށައެޅި މައްސަލައަށް ވެސް ރިޔާޒު ވަނީ ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވަނީ ބޭނުން އިރަކު މަޖިލިސް މެމްބަރުންނަށް ޕާޓީ ބަދަލުކުރެވޭނަމަ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.