ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލިއަސް އެމަސައްކަތް ފަށާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހުކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް ދީދީ (އިބްރާހިމްދީ) ވިދާޅުވެއްޖެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް އިބްރާހިމްދީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާތޯ ބައެއްް ފަރާތްތަކުން އުފައްދަވަމުންދާ ސުވާލާއި ގުޅިގެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު އިބޫއަށް ލިބިވަޑައިގަތް ހިސާބުން ބުރަކޮށް މަސައްކަތް ކުރަމުން ދިޔައީ އިންތިހާބް ކާމިޔާބު ކޮށްދިނުމަށްކަމަށެވެ.
އިބްރާހިމް ދީ ވިދާޅުވީ މަޖްލިސް އިންތިހާބުގައި މަސައްކަތް ކުރަން ޖެހުނަސް އެމަަސައްކަތް ކުރައްވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރެއްވުމަށް ފަހު ކަމަށެވެ.
"އަޅުގަނޑުގެ އަމިއްލަ އިންތިހާބަކަށް އަޅުގަނޑު މަސައްކަތް ކުރާން ޖެހުނަސް އެކަން އަޅުގަނޑު ކުރާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު، ކަމަށް ތިޔަ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން"
ނޮވެމްބަރ 3 ގެ ބަޠަލް އިބްރާހިމް ދީދީ ވިދާޅުވިއެވެ.
ވޭތުވެދިޔަ 5 އަހަރު އިދިކޮޅު މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހުނީ ޖަލު ހުކުމެއްގެ ބިރުވެރިކަމުގައި ތާށިވެގެން ހުރެކަމަށާއި، ނަމަވެސް ހިތްހަމަޖެހުމަކީ އިހްލާސްތެރިކަމާއި އެކު ރައްޔިތުންނަށް ހިދްމަތް ކުރުންކަމަށް އިބްރާހިމްދީ ވިދާޅުވިއެވެ.
އަދި ﷲ އިރާދަފުޅުން ކުރިއަށް އޮތް 5 އަހަރުގައި އައްޑޫގެ ތަރައްޤީ އަދި ހާއްސަކޮށް ހިތަދޫ މެދު ދާއިރާގެ ތަރައްޤީއަށް އެންމެ ބުރަކޮށް މަސައްކަތް ކުރާނެ އެއް ބޭފުޅެއްގެ ގޮތުގައި ދެމިހުންނަވާނެކަމަށެވެ.
އިބްރާހިމްދީ މިފަދައިން ވިދާޅުވެފައިވާ އިރު ބައެއް ފަރާތްތަކުން އިބޫގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް އިބްރާހިމްދީ ވަޑައިގަތުމަށް އެދެމުންދެއެވެ.