Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

މަސީހު އިސްތިއުފާ އެސްއެމްއެސްއަކުން ނުދެއްވާނެ: ނިހާން

ޕީޕީއެމް ޕީޖީ ގްރޫޕް ލީޑަރ އަހުމަދު ނިހާން، ފޮޓޯ: ސަން

މަޖްލިސްގެ ރައީސް އިސްތިއުފާ އެސްއެމްއެސްއަކުން ނުދެއްވާނެކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޕީއެމްގެ މެމްބަރުންނާއި އެކު ޖުމްލަ 51 މެމްބަރުންނާއި އެކު މިއަދު މަޖްލިސްއަށް ހުށަހަޅުއްވާނެކަމަށް އިދިކޮޅު މެމްބަރުން ވަނީ ބުނެފައެވެ. އަދި ރީތި ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުންކަމަށްވެސް އިދިކޮޅު މެމްބަރުން ވަނީ ބުނެފައެވެ.

އެވާހަކަތަކަށްފަހު ރޭ މަސީހު އިސްތިއުފާ ދެއްވަން އުޅުއްވާކަމުގެ އަޑުތަކެއް ފެތުރުނެެވެ. މަސީހުގެ ފޯނު ނަންބަރުން ފޮނުވާފައިވާކަމަށް ބުނާ މެސެޖުގައި ބުނެފައިވަނީ"މެޖޯރިޓީ އެމްޕީއިން އަޅުގަނޑުގެ އިތުބާރު ނެތްކަމަށް ސޮއިކޮށް އެކަން ކަށަވަރުކޮށްދެއްވާފައި ވާތީ، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ނ ގައިވާ ގޮތަށް މަޖިލިސްގެ ރައީސްކަމުން އިސްތިއުފާ ދޭން ނިންމައިފިން،" އެވެ. މި މެސެޖަކީ ސައްހަ މެސެޖެއްކަން މަސީހު ފޯނު ނުނަންގަވާތީ ސާފެއް ނުވެއެވެ.

މަސީހުގެ އިސްތިއުފާއަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ "މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވާނަމަށް ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ނ) ގެދަށުން އެފަދަ ސިޓީއެއް ހުށަހަޅުއްވާނީ މަޖިލީހުގެ ނައިބު ރައީސްއަށް" ހުށަހަޅުއްވާނެކަމަށެވެ. އަދި އިސްތިއުފާ ދެއްވާނަމަ އެސްއެމްއެސް އަކުން މީޑިއާއަށް ނާންގަވާނެކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ހުށަހަޅާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުވަނީ 45 މެމްބަރުންގެ ސޮޔާއި އެކު މަޖްލިސްއަށް ހުށަހަޅާފައެވެ.