ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމް އައްޔަން ކުރުމަކީ ޖޭޕީން އުއްމީދު ކުރާ ކަމެއް ކަމަށް އެޕާޓީން ބުނެފިއެވެ.
ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ރިޔާޒް މިއަދު މަޖިލިސް ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލީހުގެ ދެން އަންނަ ރައީސަކަށް ވާން އުއްމީދު ކުރަނީ ގާސިމް ކަމަށެވެ.
އަދި އެމަނިކުފާނު ވެސް އެކަމުގެ ޝައުގުވެރިކަން ގެންގުޅުއްވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ކޯލިޝަނާއެކު ގާސިމް މަޖިލިސް އިންތިޚާބަށް ވަޑައިގެންނެވުމަށް ފަހު މަޖިލިސްގެ ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. ނަމަވެސް އޭރު ރައީސް ޔާމީން ބޭނުންފުޅުވީ އެމަނިކުފާނާ ގާތް ބޭފުޅަކު ރައީސް ކަމަށް ގެނައުމަށް ކަމަށްވާތީ އެމަގާމަށް ކުރިމަތިލީ މިހާރުގެ ވެސް ރައީސް މަސީހު އެވެ.
ގާސިމް ވަނީ ރައީސް ޔާމީނާ ދެކޮޅުވެރިވެ ކޯލިޝަން ދޫކުރައްވައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް ފަހު އެވާހަކަ ދައްކަވާފައެވެ. ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެހާބޮޑު މަސައްކަތެއް ކޮށްދިނުމުން އެމަނިކުފާނަށް މަޖިލިސްގެ ރައީސްހާ މިންވަރުވެސް ދެއްވާފައި ނުވާ ކަމަށެވެ.
އަދި އެދުވަހު ގާސިމް ވަނީ ރައީސް ޔާމީނާއެކު ދެން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށާ ކާންދިނަސް އެކަމަށް އެއްބަސް ނުވާނެ ކަމަށެވެ.