ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހު ދުރުކުރުމަށް މިއަދު 51 މެމްބަރުންގެ ސޮއި ހުށައަޅާފައިވާއިރު މަސީހު މަގާމުން ދުރުކޮށްފިނަމަ ހުސްވާ ރައީސްގެ މަގާމަށް ވާދަކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އޭނާ ކުރެއްވި ޓުވީޓަކުންނެވެ. އަދުރޭގެ ޓުވީޓާއެކު ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ އަދުރޭ ރައީސް ކަމަށް ގެންނަން ތާއީދު ކަމަށެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން މަސީހު ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ޕެޓިޝަނެއް ހުށައަޅާފައިވާއިރު މިފަހަރު ވަނީ 51 މެމްބަރުންގެ ސޮއި ހަމަކޮށްފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުންނާއި އެމްޑީއޭގެ މެމްބަރުންވެސް ހިމެނެއެވެ.