ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ވަނަ ދުވަހަށް ތާވަލްކޮށް އެކަމުގެ ނޯޓިސް މަސީހަށާއި މަޖްލިސް މެމްބަރުންނަށް ފޮނުވައިފިއެވެ.
މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މިއަދު މަޖްލިސްއަށް ވައްދާފައިވަނީ އިދިކޮޅު މެމްބަރުންނާއި ޕީޕީއެމް މެމްބަރުންނާއި އެކު ޖުމްލަ 51 މެމްބަރުންގެ ސޮޔާއިއެކުއެވެ. މަސީހު ބޭރުކުރުމަށް ތާއިދު ކުރި މެމްބަރުންގެ ތެރޭގައި ރައިސް ޔާމީނާއި ވަރަށް އަރިސް މެމްބަރުން ހިމެނެއެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އެފަދަ މައްސަލައެއް ލިބުމުން އެ މައްސަލައިގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް އަމީން އާންމު މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ދޭން ވާނެ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހޭނީ ނޯޓިސް ދޭ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.
މަސީހު ބޭރުކުރުމަށް މިއަދު އަލުން ހުށަހެޅިއިރު މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަސީހު ބޭރުކުރުމަށް ހުށަހަޅާފައިވެއެވެ. އެމައްސަލަ ބޭރުކޮށްފައިވަނީ މަޖްލިސްގެ 12 މެމްބަރުންގެ ގޮޑި ގެއްލުވާލައި، ސިފައިން މަޖްލިސް ތަޅުމުގައި ބައިތިއްބައިގެންނެވެ.