ގަރާރެއްގައި ސޮއިކުރުމާއި އެ ގަރާރުގައި ވޯޓު ދިނުމަކީ މުޅިން ތަފާތު ދެކަމެއް ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ބޭރުކުރަން ސޮއިކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި ޔާމީން ވަނީ ދައުރުގެ ކުރީކޮޅު ޕީޕީއެމަށް ސޮއިކޮށް، އެޕާޓީއާއެކު މަސައްކަތް ކޮށްފައެވެ. އަދި ރައީސް ޔާމީންގެ ކެމްޕޭނުގައި ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރި ޔާމީން މިއަދު މަޖިލިސް ރައީސް މަސީހު ބޭރުކުރަން ސޮއިކުރުމުން އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
ޓުވިޓާގައި އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ ގަރާރެއްގައި ސޮއިކުރިޔަސް އަދިވެސް މިހުރީ ރައީސް ޔާމީނާއެކުގައި ކަމަށެވެ.
ޔާމީން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ހުށައެޅި 45 ގަރާރުގައި ވެސް ސޮއިކޮށްފައެވެ. އޭނާގެ އިތުރުން ޕީޕީއެމްގެ 13 މެމްބަރަކު ވެސް ވަނީ އެގަރާރުގައި ސޮއިކޮށްފައެވެ.