ކުރީގެ ސްޓޭޓު މިނިސްޓަރ އަދި ރާއްޖެޓީވީގެ ކުރީގެ ޗެއާމަން އަކުރަމް ކަމާލުއްދީން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށްފަހު ސަރުކާރުން ޕާސްޕޯޓު ދޫކޮށްލުމާއި ގުޅިގެން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އަކުރަމް ރާއްޖެ ވަޑައިގެންފައިވަނީ އިނގިރޭސިވިލާތަށް އަރުވާލެވިގެން އެގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އަކުރަމުން ފަހުން އައިސް ދިރިއުޅެމުން ދިޔައީ އަވައްޓެރި ލަންކާގައެވެ.'
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ލިޔެކިއުންތަކެއް ތައްޔާރު ކުރި މައްސަލައިގެ ތަހްގީގަށް ތަފާތު ފަހަރުމަތިން ފުލުހުން އަކުރަމް ހޯދަން އިއްލާންކުރިއެވެ. އަދި ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން ފުލުހަށް ހާޒިރު ނުވުމުން ޕާސްޕޯޓުވަނީ ކެންސަލްކޮށްފައެވެ.
އަކުރަން ރާއްޖެ ވަޑައިގަތީ އަކުރަމްގެ މައްސަލައެއް ނެތްކަމަށް އިމިގްރޭޝަނުން މިދިޔަ ހޯމަ ދުވަހު ހާމަ ކުރުމާއި ގުޅިގެންނެވެ. އިމިގްރޭޝަނުން ބުނެފައިވަނީ ޕާސްޕޯޓު ކެންސަލްކޮށްފައިވާތީ ޓްރެވަލް ޑޮކިއުމެންޓެއްގައި ރާއްޖެ އައުމަށް ހުރަހެއް ނެތްކަމަށެވެ.
އިމިގްރޭޝަނުން ވަނީ ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމް އާއި ރައީސް މައުމޫންގެ ޕާސަނަލް އެސިސްޓެންޓު އަހުމަދު ސަފްވާންްގެ ޕާސްޕޯޓު ދޫކޮށްލާފައިވާކަމަށް ބުނެފައެވެ.