ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ބޭރުކުރުމަށް ޕެޓިޝަނުގައި ސޮއި ކުރި ޕީޕީއެމް މެމްބަރުންގެ ހިޔާލު ބަދަލުވި ސަބަބު ހޯދުމަށް މަސައްކަތް ފަށައިފިއެވެ.
ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ވިދާޅުވީ މެމްބަރުން ޕެޓިޝަނުގައި ސޮއި ކުރި ސަބަބު އޮޅުންފިލުވުމަށް ބައެއް މެމްބަރުންނާއި ބައްދަލުކޮށް އަދި ބައެއް މެމްބަރުންނަށް ގުޅަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަސީހު ބޭރު ކުރުމަށް ޕީޕީއެމްގެ 13 މެމްބަރަކު ސޮއި ކޮށްފައިވާ އިރު އޭގެ ތެރޭގައި ރައީސް ޔާމީނުގެ އަރިސް މެމްބަރުން ހިމެނެއެވެ. ނިހާނު ވިދާޅުވީ މެމްބަރުންނާއި ވާހަކަ ދައްކައިގެން އެމެމްބަރުންގެ ހިޔާލު ބަދަލުވި ސަބަބު އޮޅުން ފިލުވާނެކަމަށެވެ.
އެމްޑީޕީގެ ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި މަޖްލިސްއަށް މިއަދު ހުށަހެޅި ގަރާރުގައިވެސް ޕީޕީއެމްގެ މެމްބަރުން ވަނީ ސޮއިކޮށްފައެވެ. މި ދެ ޕެޓިޝަނަށް ފަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ބުނެފައިވަނީ މަސީހު ބޭރުކުރުމުގެ ވޯޓުގައި 60 އަށް ވުރެ ގިނަ މެމްްބަރުން ބައިވެރިވާނެކަމަށެވެ.
Signing a motion and actually voting for it are two very different things. Be careful what you say. My loyalty stands with RY.
— Yamin Rasheed (@YaminRasheed) October 24, 2018
މެމްބަރުންގެ ހިޔާލު ބަދަލުވި ސަބަބު އޮޅުން ފިލުވުމުގެ މަސައްކަތް ފަށާފައިވާ އިރު ޕެޓިޝަނުގައި ސޮއި ކުރެއްވި ވެލިދޫ ދާއިރާގެ މެމްބަރ ޔާމީން ރަޝީދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒު ރަޝީދުވަނީ ޕެޓިޝަނުގައި ސޮއި ކުރުމާއި ރައީސް ޔާމީނަށް ތާއިދު ކުރުމަކީ މުޅިން ތަފާތު ދެކަމެއް ކަމަށް ވިދާޅުވެފައެވެ.