މި މަހުގެ އަށް ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު ވަހީދު އިފްތިތާހުކޮށް ދެއްވި ހިތަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދަން ފެށި ހިތަދޫ ޝަރަފުއްދީނު މަގު ހެދުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ހުއްޓާލާފައި ވަނީ މަގުގެ ކުރެހުމާއި، ހަދަން ޖެހޭ އީއައިއޭ ނަހަދައި، އަދި ކައުންސިލްގެ ހުއްދަ ނެތި މަސައްކަތް ކުރިއަށް ނުގެންދެވޭނެތީ އެވެ.
މިކަމާ ގުޅިގެން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހުސެއިން ފަހުމީ ވިދާޅުވީ މަގު ހެދުން ހުއްޓާލީ މަގުގެ ކުރެހުމާއި، މަގުގެ އީއައިއޭ ނެތި މަސައްކަތް ކުރިއަށް ނުގެންދަން ކައުންސިލުން އެންގުމާ ގުޅިގެންނެވެ.
ރޯޑް ކޯޕަރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަގު ހެދުން ހުއްޓާލުމަށް ކުންފުނީގެ އިސްވެރިން އަންގާފައިވާ ކަމަށާއި، އިއްޔެ މަގު ހެދުމާއި ގުޅޭ ގޮތުން ކައުންސިލާއި ބައްދަލު ކުރި ކަމަށެވެ.
ފަހުމީ ވިދާޅުވީ ކައުންސިލުން ހިތަދޫ މަގު ހެދުމުގެ ޕްރޮޖެކްޓް ހުއްޓުވަން މަސައްކަތެއް ނުކުރާ ކަމަށެވެ. ނަމަވެސް ކައުންސިލުން ބުނަމުން ދަނީ މަގު ހަދަންވާނީ މަގުގެ ޑީޓެއިލް ކުރެހުމާއި އަދި ހަދަން ޖެހޭ އީއައިއޭ ހެދުމަށް ފަހު ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ފަހުމީ ވިދާޅުވީ ކުރިން ފަށާފައިވާ މަގުހެދުމުގެ ޕްރޮޖެކްޓްގެ ދަށުން މިހާރުން މިހާރަށް ވެސް ހިތަދޫ މެދުއާރި މަގުގެ މަސައްކަތް ފެށޭނެކަމަށެވެ. އަދި އެގޮތަށް މަސައްކަތް ފެށުމަށް ރޯޑް ކޯޕަރޭޝަނުގައި އެދިފައިވާނެ ކަމަށެވެ.
"ރޯޑް ކޯޕަރޭޝަނުން ބަޔަކު އައިސް އިއްޔެ ބައްދަލު ކުރި. އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން އެ ބޭފުޅުންނަކަަށް މިކަން ނިމްމޭނެ ކަމަށް އެތަނުން އައީ ސްޕަވައިޒަރަކާއި އަދި އެހެން މީހެއް. އެ ބޭފުޅުންގެ ނެތް އެއްވެސް ކުރެހުމެއް ޕްލޭނެއް." ފަހުމީ ވިދާޅުވި އެވެ.
ހިތަދޫގެ މަގު ހެދުމާއި ގުޅޭ ގޮތުން ރޯޑް ކޯޕަރޭޝަނުން ގެންގުޅެނީ ހަތަރު ފަސް ޕްލޭނެކެވެ. އެޕްލޭންތަކަކީ މުޅި ރާއްޖޭގެ ރަށްތަކަށް ބަލައިގެން ހަދާފައިވާ ޕްލޭން ކަމަށް ވެ އެވެ.
ރޯޑް ކޯޕަރޭޝަނުން ބުނީ ޝަރަފުއްދީން މަގު ހެދުން ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު ހިތަދޫ އަމީނީ މަގު (ބުރިކެޑެމަގަ) ހެދުމުގެ މަަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި މަގު ހެދުމާއި ގުޅިގެން ހަދަން ޖެހޭ އީއައިއޭ ހެދުމަށް އީޕީއޭގެ ބަޔަކު މިއަދު އައްޑޫއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފަހުމީ އަދި ވިދާޅުވީ މަގުގެ އީއައިއޭ ހެދުމަށް އައްޑު އަށް ބަޔަކު އަންނަ ވާހަކައަކީ ބޮޑު ދޮގެއް ކަމަށެވެ. އަދި އީއައިއޭ ނަހަދައި މަގު ހަދާތީ އެކަން ހުއްޓުވުމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ގާތުގައި އެދިފައި ވާނެ ކަމަށެވެ.