ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި، އެމަނިކުފާނު ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު ކުރިމިނަލް ކޯޓުން ބާތިލްކޮށްފި އެވެ.
ރައީސް ނަޝީދުގެ ވަކީލް އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު ވިދާޅުވީ ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ ފަހުން އޭނާގެ މައްޗަށް އުފުލި ދެ ދައުވާއެއް ބާޠިލް ކޮށްފައިވާ ކަމަށެވެ.
ނަޝީދުގެ މައްޗަށް ފަހުން ޕީޖީން އުފުލާފައިވާ ދައުވާ އަކީ މިހާރުގެ ރައީސް އަދި އޭރުގެ މުލަކު ދާއިރާގެ މެމްބަރ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކޮށް އާރަށުގައި ބެހެއްޓި މައްސަލާގައެވެ.
ނަޝީދު ހައްޔަރު ކުރުމުގެ އަމުރެއް އޭރު ކްރިމިނަލް ކޯޓުން ކުރިއިރު ނަޝީދު ހުންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ، ކޯޓުން ފަހުންވަނީ އެމަނިކުފާންގެ މައްޗަށް އެކަމާއި ގުޅިގެން ޓެރަރިޒަމް ދައުވާ އުފުލާފައެވެ.
ނަޝީދުގެ މައްޗަށް އުފުލި ދެ ދައުވާއެއް ބާޠިލް ކުރިއިރު އެމަނިކުފާން ވަނީ އަންނަ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު "ވީހާލެއްގައިވާން" ރާއްޖެ އަންނަން ނިންމަވާފައެވެ. އަދި މިއަދު މަޖްލިސްގެ 49 މެމްބަރަކު ވަނީ އެމަނިކުފާން މިނިވަން ކުރުމަށް ގޮވާލައި ފެޓިޝަނެއް މަޖްލިސްއަށް ވައްދާފައެވެ.