މަޖްލިސްގެ ރައީސް ކަމުން އަބްދުﷲ މަސީހު ދުރުކޮށް އެމަގާމަށް ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް ގެނައުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްބަސްވެއްޖެއެވެ.
ގާސިމްއަށް މަޖްލިސް ރައީސްކަން ދިނުމަށް އެއްްބަސްވީ މިރޭ ބޭއްވިޮ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި، ބައިވެރިވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރިޔާސަތު ބެލެހެއްޓެވި އެބައްދަލުވުމުގައި އިތުރު ކަމެއްގެ ގޮތުގައި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު ބާޠިލް ކުރުމަށް ހުށަހެޅުމަށްވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު ބޭރުކުރުމަށް 51 މެމްބަރުންގެ ސޮޔާއި އެކު ޕެޓިޝަން މަޖްލިސްއަށް މިއަދު ވައްދާފައިވާއިރު މަސީހު ބޭރު ކުރުމަށް ބާއްވާ ޖަލްސާ އަންނަ ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހު ބާއްވަން ނިންމައި މަޖްލިސްގެ އިދާރާއިން ވަނީ މެމްބަރުންނަށާއި މަސީހަށް ނޯޓިސް ފޮނުވާފައެވެ.
ގާސިމް މަޖްލިސްގެ ރައީސަކަށް ގެންނަން ފާސްކުރިއިރު ގާސިމް ވަނީ ރައްޔިތުންގެ ހާއްސަ މަޖިލިސްގެ ރައީސްކަން ކުރައްވާފައެވެ.