Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އަބުރުގެ ގާނޫނު އުވާލަން ހުށަހަޅަނީ

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން މިރޭ ބޭއްވި ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުން ނިންމި ނިންމުމާއި ގުޅޭގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އަބުރުގެ ގާނޫނު އުވާލަން މާދަމާ މަޖްލިސްއަށް ހުށަހަޅުއްވާނެކަަމަށެވެ.

ރިޔާސީ ކެމްޕެއިންތެރޭގައިވެސް އިބޫ ވަނީ އަބުރުގެ ގާނޫނު އުވާލާނެކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އެ ގާނޫނު އުވާލުމަށް ހުށަހަޅުއްވާނެކަމަށް އިބޫވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެއްކޮށް ނައްތާލެވޭ ގޮތަށް ޕީޕީއެމްއިން ތައްޔާރުކޮށްފައިވާ ބިލް މަޖްލިސްއިން ފާސްކުރީ 2016 އޮގަސްޓު 9 ވަނަ ދުވަހުއެވެ.

މި ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ފަހުން ބައެއް ނޫސްވެރިންނާއި ޓީވީ ޗެނަލްތަކުގެ މައްޗަށް މި ގާނޫނުގެ ދަށުން ދައުވާ އުފުލާފައިވެއެވެ.