Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އެމްޑީއޭ ސިޔާމު ރިލްވާނުގެ މަންމަ އާއި ބައްދަލުކޮށްފި

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ އާމިނަތު އީސާ އާއި ބައްދަލު ކުރައްވައިފިއެވެ.

އެމްޑީއޭ ކައުންސިލް މެމްބަރު އައިޝަތު މަމްދޫހާ ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލާގައި އާއިލާގެ ފަރާތުން ހުރި ކަންބޮޑުވުންތައް އާއިލާގެ ފަރާތުން ސިޔާމު އާއި ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި މިކަމުގެ ތަހްގީގު އަަވަސް ކުރުމަށް އެހީތެރިވުމަށް އާއިލާގެ ފަރާތުން ސިޔާމުއަށް ދަންނަވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ރިލްވާންގެ މައްސަލަ އަވަސް ކުރުމުގައި ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމަށް ސިޔާމު އާއިލާއަށް ވަނީ ޔަގީންކަން ދެއްވާފައެވެ.

ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އޭނާ ގެއްލުނުތާ ހަތަރު އަހަރުވެގެން ގޮސްފައިވާ އިރު ރިލްވާނަށް ވީގޮތެއް އަދިވެސް ސާފެއް ނުވެއެވެ.

މި މައްސަލާގައި ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލައެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ގ. ހިލްޓަން އާލިފް ރައޫފާއި، ގދ. ވާދޫ ކަރަންކާގޭ މުހައްްމަދު ނޫރުއްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.

ސުއައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައިވެއެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ. އާލިފު އާއި ނޫރައްދީންގެ މައްޗަށް މީހަކު ކިޑްނެޕް ކުރި ކަމުގެ ދައުވާ އުފުލި ނަމަވެސް ކޯޓުން ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާފައެވެ.