Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

"ރަނގަޅު ގޮތަކީ މަސީހު އަމިއްލަފުޅަށް މަގާމުން ދުރަށް ވަޑައިގަތުން"

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ އެންމެ ރަނގަޅު ގޮތަކީ މަސީހު އަމިއްލައަށް މަގާމުން ދުރަށް ވަޑައިގަތުން ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖްލިސްގެ ރައީސް ކަމުން މަސީހު ދުރުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ޕީޕީއެމް މެމްބަރުން ގުޅިގެން 51 މެމްބަރުންގެ ސޮޔާއި އެކު މަޖްލިސްއަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. އަދި އެކަމާއި ގުޅިގެން ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ރޭ ވަނީ ބާއްވާފައެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުން ވަނީ މަސީހު ބޭރުކޮށް ގާސިމް މަޖްލިސް ރައީސަކަށް ގެނައުމަށް ތާއިދުކޮށްފައެވެ.

މި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރަނގަޅު ގޮތަކަށް ވާނީ މަސީހު އަމިއްލަފުޅަށް މަގާމުން ދުރަށް ވަޑައިގަތުންކަމަށާއި ނޫންނަމަ އެމަނިކުފާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެެއް ނެގިގެންދާނެކަމަށެވެ.

"މީގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ މަސީހު އަމިއްލަފުޅަށް މަގާމުން ދުރަށް ވަޑައިގަތުން. އެހެން ނޫނީ އިތުބާރު ނެތް ކަމުގެ ވޯޓެއް އެމަނިކުފާނުގެ މައްޗަށް ނެގިގެންދާނެ،"

އިބޫ ވިދާޅުވި އެވެ.

މަސިހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖްލިސްއިން ވަނީ ބަލައި ގަނެ މެމްބަރުންނާއި މަސީހަށް ނޯޓިސް ފޮނުވާފައެވެ. އެގޮތުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ތަވާލް ކުރެވިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާ އަދިވެސް ތަމްސީލު ކުރައްވަމުންދާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައީސް ކަމުގެ ހުވާ ކުރައްވަންދެން މަޖްލިސް ޖަލްސާތަކާއި ކޮމެޓީތަކަށް ވަޑައިގަންނަވާނެކަމަށެވެ. އެހެންވެއްޖެނަމަ މަސީހުގެ އިތުބާރު ނެތްކަމަށް ނަގާ ވޯޓުގައި އިބޫއަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.