Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ރިޔާޒު ރަޝީދު ހުށައަޅައިފި

މެމްބަރު ރިޔާޒް ރަޝީދު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް އެޕާޓީގެ ޕީޖީ ގްރޫޕުގެ ނައިބުލީޑަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށައަޅައިފިއެވެ.

ވިލުފުށި ދާއިރާ ތަމްސީލު ކުރައްވަމުން އަންނަ ރިޔާޒު ރަޝީދަކީ ރައީސް ޔާމީނާ ގާތް ގުޅުމެއް އޮތް މެމްބަރެކެވެ. ނަމަވެސް އިންތިޚާބަށް ފަހަށް ރިޔާޒުގެ ރާގު ބަދަލުވެ، ޕީޕީއެމާ ސަރުކާރާ ދެކޮޅުވެ ދާދި ފަހުން ކައުންސިލް ބައްދަލުވުމެއްގައި ރައީސް ޔާމީނާ ދެމެދުވެސް ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިގެން ދިޔައެވެ.

ރިޔާޒު ރަޝީދު ވަނީ އެދުވަހު ވެސް އެންޓި ޑިފެކްޝަން ބިލަށް ފާޑުވިދާޅުވެ ރައީސް ޔާމީނަށް ބަހުގެ ހަމަލާއެއް ދީފައެވެ. ރައީސް ވަނީ ޖަވާބުގައި ބިލަކީ މުހިންމު ބިލެއް ކަމަށާއި މެމްބަރުން ބޭނުންހާ ގޮތަކަށް ޕާޓީ ބަދަލުކުރެވެން އޮވެއްޖެނަމަ ކޮރަޕްޝަނަށް މަގުފަހި ވާނެ ކަމަށެވެ.

އިއްޔެ އެ ބިލް އުވާލަން ހުށައަޅަމުން ރިޔާޒު ބުނެފައިވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ދަތިތަކެއް ހުރި ކަމަށް ފާހަގަ ކުރެވޭތީ އެ ބިލް އުވާލަން ހުށައެޅީ ކަމަށެވެ.

މެމްބަރުން އިންތިޚާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ އެ މެމްބަރު ތަމްސީލު ކުރާ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބެއްލެވުމަށް ފަހު 2017 ވަނަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު އެކޯޓުން ވަނީ އެގޮތަށް މެމްބަރަކު އަމަލު ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ހުކުމް ކޮށްފައެވެ.

މިގާނޫނު އުވާލަން އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް އިބޫ ވެސް ވަނީ ވައުދުވެވަޑައިގެންފައެވެ. އިބޫގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރަން ވައުދުވި ކަންތައްތަކުގެ ތެރޭގައި ބިލް އުވާލުންވެސް ހިމެނެއެވެ. މީގެ އިތުރުން އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ނަމުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރެވޭ ބިލްވެސް އުވާލަން އިބޫ ވަނީ ވައުދުވެވަޑައިގެންފައެވެ.