Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ޑިޓިއުންގެ "އާފެށުން" ކެންސަރާ ހަނގުރާމަކުރި މީހުންގެ ވާހަކަ

ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް، ޑިޓިއުން އިން މިދިޔަ އަހަރު ކެންސަ ސޮސައިޓީގެ ގާލާ ޑިނާގައ އާންމުކުރި "އާފެށުން" ލަވައިގެ ވީޑިއޯ ލަވަ މިއަހަރުގެ ގާލާ ޑިނާގައި އާންމުކޮށްފިއެވެ.

ކެންސަރުގެ ބައްޔާ ހަނގުރާމަ ކުރި ދިވެހި ހިތްވަރުގަދަ ތިން ޒުވާނަކު ފެނިގެން ދިޔަ މިވީޑިއޯ ލަވައަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ވީޑިއޯގައި ކެންސަރާ ހަނގުރާމަކުރި މީހުންގެ ހަޔާތުގައި ކުރިމަތިލި އެ ނާމާން ސޮފްހާއަށް އަލި އަޅުވާލާފައި ވެއެވެ.

ޑިޓިއުން ބޭންޑުން ބުނެފައިވަނީ މިލަވައިން ލިބޭ އާމްދާނީ އެއް ކެންސަރުގެ ބައްޔަށް ހޭލުންތެރިކުރާ ދިވެހި ޖަމިއްޔާ، ކެންސާ ސޮސައިޓީއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެލަވައިން މިބަލީގެ ޝިކާރާގައި ޖެހިފައިވާ މީހުންނަށް އާ ހިތްވަރެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ޑިޓިއުން ބޭންޑުގެ "އާފެށުން" ލަވަ މިހާރު ލަވަފޮށި އެޕުންވެސް އަޑުއަހާލެވޭނެއެވެ. އަދި ޔޫޓިއުބް މެދުވެރިކޮށް ވީޑިއޯ ލަވަ ބަލާވެސްލެވޭނެއެވެ.

ރާއްޖޭގައި ވެސް ކެންސަރު ބަލީގެ ޝިކާރައަށް ވެފައިވާ އެތައް ދިވެހީންނެއް ތިބިއިރު ކެންސަ ސޮސައިޓީއިން އަންނަނީ ކެންސަރުގެ ބަލިތަކާ ދުރުވެވޭނެ ގޮތްތަކަށް އާންމުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބާއްވަމުންނެވެ.

މީގެ އިތުރުންވެސް އާންމު ކުންފުނިތަކުން ވެސް އަންނަނީ މިކަމަށް އިސްނަގައިގެން އާންމުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރުމަށް މިމަހުގައި ގިނަ ކުންފުނިތަކުން އަންނަނީ ދުވުންތަކާއި އިންފޮމޭޝަން ސެޝަންތައް ވެސް ބާއްވަމުންނެވެ.