ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސްގެ މައްޗަށްކޮށްފައިވާ ޖަލު ހުކުމް މިއަދު ހައިކޯޓުން ބާޠިލްކޮށްފިއެވެ.
ޕީޕީއެމްގެ މެންބަރު ކަމުން ފާރިސް ވަކިކުރި ފަހުން ޕީޕީއެމްގެ ހުއްދައާ ނުލައި މިދިޔަ އަހަރު މާޗް މަހުގެ 22 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ ބޭނުންކޮށްފައިވާތީ ފާރިސް އާއި ދެކޮޅަށް އުފުލި ޝަހުސު އޮޅުވާލިކަމުގެ ދައުވާ ސާބިތުވެ ފާރިސްއަށް ވަނީ 4 މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.
ފާރިސްގެ ހުކުމް މިއަދު ބާޠިލް ކުރިއިރު މިމަހުގެ 30 ވަނަ ދުވަހު ކަފާލާތުގެ ދަށުން ވަނީ މިނިވަންކޮށްފައެވެ.
މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖްލިސް މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅުއްވި ކަމުގައި ފާރިސްއަށް ދައުވާ ކުރުމަށް ކޯޓަށް ވަނީ ފޮނުވާފައެވެ. މީގެ އިތުރުން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފާރިސްއަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެއެވެ. ނަމަވެސް އެމައްސަލަ ތައް ކޯޓުގައި މިވަގުތު ވަނީ މަޑުޖެހިފައެވެ.