އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެއްކޮށް ނައްތާލެވޭ ގޮތަށް ޕީޕީއެމްއިން ތައްޔާރުކޮށްފައިވާ ބިލް މަޖްލިސްއިން ފާސްކުރީ 2016 އޮގަސްޓު 9 ވަނަ ދުވަހުއެވެ. އަދި 11 އޮގަސްޓުގައި ރައީސް އަބްދުﷲ ޔާމީން ވަނީ މިގާނޫނު ތަސްދީގު ކުރައްވާފައެވެ.
އަބުރު ގާނޫނު އުވާލުމަށް މަޖްލިސްއަށް ހުށަހަޅަން ނިންމީ އިއްޔެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖޮއިންޓު ޕާލިމެންޓްރީ ބައްދަލުވުމެއްގައެވެ. މި ގާނޫނު އުވާލައްވާނެކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވައުދުވެވަޑައިގެންފައެވެ. އަދި އިންތިހާބަށްފަހު އިބޫ ވިދާޅުވީ ރައީސްކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގާނޫނު އުވާލެއްވުމަށް ހުށަހަޅުއްވާނެކަމަށެވެ.
އަބުރުގެ ގާނޫނު އުވާލުމަށް މަޖްލިސްއަށް ހުށަހެޅުއްވުމަށްފަހު މަޖްލިސްގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ގާނޫނު އުވާލަން ހުށަހެޅުއްވީ އެ ގާނޫނުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ނިގުޅައިގަނެވިފައިވާތީކަަމަށެވެ.
ޝާހިދު ވިދާޅުވީ މިގާނޫނުގެ ސަބަބުން ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާއި މިނިވަންކަން ލިބިދޭ މުއާހަދާތަކާއި އެއްބަސްވުންތަކާއި ތަޢާރުޒުވާކަމަށެވެ.
މިގާނޫނު އުވާލުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.