Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އާދީއްތަ ދުވަހު މަޖިލިސް ފަށާނަން: މޫސަ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގިނަ ދުވަސްތަކެއް ފަހުން އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސާމަނިކު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ނުބޭއްވި ވަރަށް ގިނަ ދުވަސް ފާއިތުވެފައިވާ ކަމަށާއި މުހިންމު ވަރަށް ގިނަ ކަންތައްތައް ކުރިއަށް އޮންނާތީ މަޖިލީހުގެ ރައީސްގެ އިޒުނައާއެކު ޖަލްސާތައް އަލުން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެހުމަށް ހުށައަޅާފައި އެބަ އޮތް ކަމަށާއި އެޖަލްސާ އާއި، އަދި އާ ރައީސެއް ހޮވުމަށް ބާއްވާ ޖަލްސާގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ހިނގަމުންދާތީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް އެ މައްސަލަތަކުގެ ހުކުމް އިއްވައިދިނުމަށް އެދިފައިވާ ކަމަށެވެ. އެއީ ވީހާވެސް ގިނަ ރައްޔިތުންގެ މަންދޫބުން ބައިވެރިކޮށްގެން ބޭއްވުން މުހިންމު ޖަލްސާތަކަށް ކަމަށް ވާތީ އެކަން އަވަސް ކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

މީގެ އިތުރުން އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުން ނޮވެމްބަރު 11 ވަނަ ދުވަހަށް ހައްދަވައިދެއްވުމާ ގުޅިގެން އެމަނިކުފާނުގެ އޮފީހުންވެސް ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދިފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ވެސް މަޖިލީހުގައި މަޝްވަރާ ކޮށް ގޮތެއް ނިންމަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިންތިޚާބީ ރައީސްގެ ހުވާކުރުމާއި، އެމަނިކުފާނުގެ ފަރާތުން ކުރިއަށް އޮތް އަހަރަށް ލަފާ ކުރާ ބަޖެޓު ހުށައަޅައި ބަޖެޓަށް ވޯޓަށް އެހުމާއި ބަހުސް ކުރުން ފަދަ މުހިންމު ކަންތައްތައް ހުރުމާއެކު މަޖިލިސް ވީހާވެސް އަވަހަށް ފަށަން ނިންމަވައި އާދީއްތަ ދުވަހު ޖަލްސާތައް ފެށުމަށް މެމްބަރުންނަށް އަންގާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.