ދިވެހި ޖުމުހޫރިއްޔާގެ ގާނޫނު ހިނގަމުން އައި ގޮތަށް ބަލާފައި އިންތިޚާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، ނޮވެމްބަރު 11 ވަނަ ދުވަހު ހުވާކުރުމަކީ އެމަނިކުފާނުގެ އަމިއްލަ ނަޒަރުގައި އެންމެ ރަނގަޅު ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާމަނިކު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން ވިދާޅުވީ އެމަނިކުފާނު މިހާރު ވަނީ އެކަމާ ގުޅިގެން ޖަލްސާއެއް މަޖިލީހުގައި ބޭއްވުމަށް ނިންމަވާފައި ކަމަށެވެ. އެޖަލްސާގައި އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮތެއް ނިންމަވާނެ ކަމަށާއި އޭރުން ރަސްމީ ގޮތެއްގައި ގޮތް ކަނޑައެޅިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް މޫސަ ވިދާޅުވިއެވެ.
ނަމަވެސް އަމިއްލަ ނަޒަރުގައި ވާހަކަ ދައްކަވާ ކަމަށްވާނަމަ ގަބޫލުކުރެއްވެނީ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ދިވެހި ރައްޔިތުން ހަވާލުކުރެއްވީ ފަސް އަހަރުގެ ދައުރެއް ކަމަށާއި އެ ފަސް އަހަރުގެ ދައުރު އެމަނިކުފާނު ހަމަކުރައްވައިފި ކަމަށެވެ. އަދި ދެ ތިން ދުވަހު އިތުރަށް ވެރިކަމުގައި ހުރެލަން އެމަނިކުފާނު ވެސް އެގޮތަށް ހުންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މޫސަ ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލުކުރުމަށް ފަހު ކަން ހިނގާ ދިޔަ ގޮތުގެ މައްޗަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން އޭރު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދުގެ ވެރިކަން ގާނޫނީ ގޮތުން 2013 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ހަމަވާނެ ކަމަށްވާތީ އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާ ކުރަންދެން ގައުމުގެ ރައީސް ކަމުގެ މަގާމާއި ހަވާލުވާން ތައްޔާރުވެފައި ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަކުން ރައީސް ވަހީދު ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު ދެއްވީ ކަމަށް މޫސަ ވިދާޅުވިއެވެ.