އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާކުރެއްވުން ނޮވެމްބަރު 11 ގައި ބާއްވާ ގޮތަށް އެތާރީޚަށް ބޭރުގެ މެހެމާނުންނަށް ދައުވަތު ފޮނުވަން ފޮރިން މިނިސްޓްރީން ފަށައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން، ހަސަން ލަތީފް ވިދާޅުވެފައިވަނީ ދައުވަތު ފޮނުވަން ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިރުޝާދުގެ މަތިން ކަމަށެވެ. އަދި ހުވާކުރެއްވުމުގެ ރަސްމިއްޔާތު ރައްޔިތުންގެ މަޖިލީހުން އިންތިޒާމު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހަސަން ލަތީފް "މިހާރު" އަށް ކިޔާދީފައިވެއެވެ.
ނޮވެމްބަރު 11 ގައި އިބޫ ރައީސްކަމުގެ ހުވާ ކުރައްވަން ތައްޔާރު ވަމުން އަންނައިރު ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގަތީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.
އަދި ދައުލަތުގެ ބަންޑާރަ ނައިބު ވަނީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އާ ރައީސަށް ހުވާ ކުރެއްވޭނީ ރައީސް ޔާމީންގެ ދައުރު ހަމަވުމުން ކަމަށް ވިދާޅުވެފައެވެ.
މިމައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ޖަލްސާއެއް ބާއްވައި ނިންމަވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ މިއަދު ވިދާޅުވެފައެވެ.