Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އިންސާފު ހޯދަން ނިކުތް ރައްޔިތުން މަގުމަތި ވެގެން ނުވާނެ: މަހްލޫފު

ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް އިންސާފު ހޯދަން ނިކުތް ރައްޔިތުން މަގުމަތި ނުވާނެ ފޯމިއުލާއެއް ގުޅިފައިވާ ކޯލިޝަނުން ހޯދައިދޭން ޖެހޭކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ ވެރިކަން ނިންމަން ޕާޓީތަކުން ވަނީ އެއްބަސްވެފައި ކަމަށާއި، އެއަށް އިހްތިރާމް ކުރުމަކީ ކޯލިޝަން ބަދަހިކޮށް ކުރިއަށް އޮތް 5 އަހަރަށް ގެންދަން މުހިއްމު ކަމެއް ކަމަށެވެ.

މަހްލޫފު ވިދާޅުވީ އިންސާފު ހޯދަން އެތައް އަހަރުތަކެއް މަސައްކަތް ކުރި ރައްޔިތުން އަލުން މަގުމަތި ނުވާނެ ހުރިހާ ފޯމިއުލާއެއްް ކޯލިޝަން ތެރެއިން ހޯދަން ޖެހޭކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ބޮޑުތަނުން ބަލިކުރީ ރާއްޖޭގައި އަދުލު އިންސާފު ނެތްކަމަށް ގަބޫލް ކުރެވި އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ އެތައް ދުވަސްތަކެއް ވަން ދެން އަޑުއުފުލުމަށްފަހުއެވެ.

މަހްލޫފުގެ މިޓްވީޓާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަމަށް ބުނެފައެވެ. އަނެއް ބަޔަކު ވަނީ ޔާމީން ސަރުކާރުން ހިންގި ޖަރީމާތައް ތަހްގީގު ނުކޮށްފިނަމަ އަނެއްކާވެސް މަގުތަކަށް ނިކުންނާނެކަމަށް ބުނެފައެވެ.