އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުކީ އެެއްވެސް ހަސަދަވެރިކަމެއް އޮވެގެން ނޫންކަމަށް އެމަނިކުފާނަށް އެންމެ ގިނަ ބަހުގެ ހަމަލާ ދެއްވި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން މަޖްލިސްއަށް ހުށަހަޅައި ގާނޫނަކަށް ހެދި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މިއަދު މަޖްލިސްއަށް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ އެންމެ ޑިމޮކްރަޓިކް ކޮށް ރާއްޖޭގައި ހިންގާ ޕާޓީ އަކީ އެމްޑީޕީ ކަމަށާއި އެންމެ އުޅޭ ހިތްވާ ޕާޓީއަކީ އެމްޑީޕީކަމަށް ބުނެފައިވާނެކަމަށެވެ.
އެމްޑީޕީ އާއި ރައީސް ނަޝީދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި މެމްބަރެއްގެ ގޮތުގައި ހިމެނޭ ރިޔާޒު ވިދާޅުވީ ރައީސް ނަޝީދަށް ފާޑުކީ އެއްވެސް ހަސަދައެއް އޮވެގެން ނޫންކަމަށާއި އެއީ ސިޔާސީ ގޮތުން ދައްކަވާފައި ހުރި ވާހަކަތަކެއް ކަމަށެވެ. އަދި ރައީސް ނަޝީދު ޖަލަށްލީ ފަހުން އެމަނިކުފާނަށް ފާޑު ކިޔުއްވާފައި ނުވާނެކަމަށެވެ.
ރިޔާޒު ވަނީ މިހަފްތާ ތެރޭގައި ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް ކައުންސިލް ބައްދަލުވުމެއްގައި ހޫނު ޒުވާބެއް ކުރައްވާފައެވެ. އަދި ރިޔާޒުގެ ވިސްނުން ބަދަލުވީ ކީއްވެގެންތޯ ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ. ރިޔާޒު ވަނީ އެ ޖަވާބު މިއަދުވެސް ތަކުރާރު ކުރައްވާފައެވެ.
ރިޔާޒު ވިދާޅުވީ ޔާމީންގެ ސަަރުކާރާ ދުރަށް ޖެހިވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ އެތައް ބަޔަކަށް ހައްގު ނޫން އަނިޔާ ދިނުން ކަމަށެވެ. އަދި އަނިޔާ ލިބުނު އާއިލާތަކުގެ މެމްބަރުން އެޅި ކަރުނަ ވަރަށް ކައިރިން ދެކެވަޑައިގެންނެވި ކަމަށް ވިދާލުވި އެވެ.
ރިޔާޒުވަނީ މިއަދު އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަަކަށް ތައުރީފުކޮށް ވާހަކަ ދައްކަވާފައެވެ.