Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ވިލާ އެއާއިން އަނެއްކާވެސް އައްޑޫ ދަތުރުތައް ފަށަނީ

ވިލާ އެއާގެ ދަތުރުތައް އަހަރުތަކަކަށް ފަހު އަނެއްކާވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ފެށުމަށް ތައްޔާރުވަމުން އަންނައިރު އެއާލައިނުން ގްރައުންޑް ހޭންޑްލިން އެގްރިމެންޓުގައި ސޮއިކޮށްފިއެވެ.

އިއްޔެ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ވިލާ އެއާއާ ދެމެދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަތީފް ވިދާޅުވީ އަންނަ މަހުގައި ވިލާގެ އެއާގެ ދަތުރުތައް އަނެއްކާވެސް ފެށިގެންދާނެ ކަމަށެވެ.

އަދި ވިލާއިން ކޮންމެ ދުވަހަކު ފްލައިޓު ބާއްވާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އައިލޭންޑް އޭވިއޭޝަނުގެ ބޯޑު މެމްބަރެއްގެ ގޮތުގައި ވެސް ހުންނަވާ ލަތީފް، "ވަން އޮންލައިން" އަށް ދެއްވި ބަސްދީގަތުމެއްގައ ވިދާޅުވިއެވެ.

ވިލާ އެއާގެ ދަތުރުތައް މީގެ ކުރިންވެސް އައްޑުއަށް ކުރިއެވެ. ކުންފުންޏަށް މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ދިމާވި ދަތިތަކެއްގެ ސަބަބުން ވަނީ ދަތުރުތައް ހުއްޓާލާފައެވެ.