އިލެކްޝަން ކަމިޝަން (އީސީ)ން ގޮޑިގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ (މުހުއްމާ) ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުން ނިންމާލައިފިއެވެ.
މުހުއްމާ އާއި ޝަހުދީގެ ގޮޑި ގެއްލުވާލާފައިވަނީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ގަރާރުގައި ސޮއި ކުރުމާއި ގުޅިގެން ޕީޕީއެމް ސުލޫކީ ކޮމެޓީން މައްސަލަ ބަލައި ޕާޓީން ވަކިކުރުމާއި ގުޅިގެންނެވެ. މުހުއްމާވަނީ ޖުލައި 10 ވަނަ ޕާޓީން ވަކިވާން ސިޓީ ފޮނުވާފައެވެ. އަދި ޝަހުދީވަނީ ޖުލައި 7 ވަނަ ދުވަހު ވަކިވާން ޕާޓީއަށް ސިޓީ ފޮނުވާފައެވެ، އަދި އެކަން އެދެމެމްބަރުން ވަނީ އިލެކްޝަންގެ ސަމާލުކަމަށް ގެނެސްފައެވެ.
އިލެކްޝަނުން އެ ދެ މެމްބަރުންގެ ގޮޑި ގެއްލުނުކަމަށް ކަނޑައެޅީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
ވަކިވަކިން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި މުހުއްމާ އަދި ޝަހުދީގެ ވަކީލް ހިސާން ހުސެއިން ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މެންބަރަކު ޕާޓީއިން ވަކިވާނެ ގޮތް ކަނޑައަޅަން ޖެހޭނީ އެ ޕާޓީއެއްގެ އަސާސީ ގަވައިދުގައި ކަމަށް ކަނޑައަޅާފައިވާއިރު، ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީއިން ވަކިވާން އެދޭ ހިސާބުން ޕާޓީއިން ވަކިވާނެ އެވެ. އެހެންކަމުން ޖުލައި 10 ވަނަ ދުވަހު ސިޓީ ހުށަހެޅުމާއެކު ދެ މެންބަރުންނަކީ ޕީޕީއެމްގެ މެންބަރަކަށް ނުވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ކުރިއަށް ގެންދިޔަ މި ދެ އަޑުއެހުން މިއަދު ނިންމާލިއިރު ދެން އޮންނާނީ އެ ދެ މެމްބަރުންގެ މައްސަލައިގެ ހުކުމެވެ.
ސްޕްރީމް ކޯޓުން ވަނީ މަޖްލިސްގެ ހަތަރު މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ހުކުމް ކޮށްފައެވެ.