އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން އިންޑިއާ ކަނޑުގެ ސަރަޙައްދަށް ކަނޑައަޅުއްވާފައިވާ ޖޮއިންޓް ސެކްރެޓަރީ، ދިނޭޝް ޕަޓްނައިކް، ފޮރިން މިނިސްޓްރީގެ ބައިލެޓަރަލް ސެކްރެޓަރީ އަހްމަދު ޚަލީލް އާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމާއި ބެހޭ ގޮތުންނާއި، އެ ގުޅުންތައް އިތުރަށް ބަދަހިކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި އެ މިނިސްޓްރީގެ ފަރާތުން އެސިސްޓެންޓް ޑައިރެކްޓަރ އުމެއިރާ މުހައްމަދު އާއި ސީނިއަރ ޑެސްކް އޮފިސަރ މުހައްމަދު ޝައްފާއު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަދި އިންޑިއާގެ ފަރާތުން ޖޮއިންޓް ސެކްރެޓަރީ ޕަޓްނައިކް އަރިހުގައި، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާ އާއި އިންޑިއަން އެމްބަސީގެ ފަސްޓް ސެކްރެޓަރީ އަރްޗަނާ ނާއިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދިނޭޝް ޕަޓްނައިކް، އިންތިޚާބީ ރައީސް އިބްރާހިމް ސޯލިހު (އިބޫ) ކަނޑައަޅުއްވާފައިވާ ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފާއި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާވެސް ބައްދަލު ކުރައްވަން ނިންމަވާފައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.