Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަކީ މެމްބަރުން ޓްރާންސްފާ މާކެޓަށް ހުޅުވާލުން: ފާއިޒު

އަހުމަދު ފާއިޒު ހުސެއިން، ފޮޓޯ: ސަން

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަކީ މަޖްލިސް މެމްބަރުން ޓްރާންސްފާ މާކެޓަށް ހުޅުވާލުންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ޕާޓީ ދޫކޮށް އިދިކޮޅު ފަރާތްތަކާއި ގުޅި މަޖްލިސްގައި ޕީޕީއެމްއިން ދަމަހައްޓަމުން ދިޔަ މެޖޯރިޓީ ގުޑުވާލުމާއި ގުޅިގެން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނައިބް ލީޑަރ ރިޔާޒު ރަޝީދު މިއަދުވަނީ މަޖްލިސްއަށް ހުށަހަޅާފައެވެ.

ފާއިޒު ވިދާޅުވީ އެންޓިޑިފެކްޝަން ގާނޫނުގައި ހުރި ގާނޫނު އަސާސީއާ ހިލާފު މާއްދާތައް އުވާލިކަމުގައި ވިޔަސް އެގާނޫނު އެއްކޮށް އުވާލުމަކީ މެމްބަރުން ޓްރާންސްފާ މާކެޓެއް ހުޅުވާލުން ކަމަށެވެ. އަދި މެމްބަރުންނަށް ނުހައްްގު މުއްސަނދިކަމަށް ޖާގަދިނުން ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީ ޓިކެޓްގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލައަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅުން، މިއިން ކޮންމެ ހާލަތެއް ކުރިމަތިވިޔަސް ގޮނޑި ގެއްލޭނެ އެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނުން މިހާތަނަށް މަޖްލިސްގެ 12 މެމްބަރެއްގެ ގޮޑި ގެއްލުވާލިއެވެ. ނަމަވެސް އޭގެ ތެރެއިން 4 މެމްބަރެއްގެ ގޮޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ އިރު އިތުރު ހަތަރު މެމްބަރެއްގެ ޝަރީއަތުގެ އަޑުއެހުން ވަނީ ބާއްވާފައެވެ.

ރިޔާޒު ވިދާޅުވީ މި ގާނޫނު އުވާލުމަށް ހުށަހެޅުއްވީ މި ގާނޫނަކީ ގާނޫނު އަސާސީ އާއި ތައާރުޒުވާ ގާނޫނަކަށްވާތީކަމަށެވެ.