މިހާރު އަމަލު ކުރަމުންދާ އެންޓި ޑިފެކްޝަން ގާނޫނަކީ މަޖްލިސްގެ 12 މެމްބަރަކަށް އަމާޒުކޮށް ހެދި ގާނޫނެއްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތުއަކީ އެންޓި ޑިފެކްޝަން ގާނޫނުން މަޖްލިސްގެ ގޮޑި ގެއްލުނުކަމަށް އިލެކްޝަނުން ކަނޑައެޅި މެމްބަރެކެވެ. އަދި މަޖްލިސްއަށް ނުވަދެވޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީފަހުން އަމީތުގެ ގޮޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މަޖްލިސްއަށް ހުށަހެޅުމާއި ގުޅިގެން އަމީތު ވިދާޅުވީ މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނަކީ 12 މެމްބަރުންނަށް އެކަނި އަމާޒުކޮށް ހަދާފައިވާ ގާނޫނެއްކަމަށެވެ. އަދި އެއީ ހަމަޔާއި އުސޫލުން ކޮށްފައި އޮތްކަމެއް ނޫންކަމަށެވެ.
އަމީތު ވިދާޅުވީ މިހާރު އޮތް ގާނޫނު އިސްލާހުކޮށްގެން ނަމަވެސް ނުވަތަ އުވާލައި އާ ގާނޫނެއް ގެނެސްގެން ވިޔަސް އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހޭކަމަށެވެ.
އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނު އަސާސީ އާއި ތައާރުޒުވާ ގާނޫނެއްކަމަށް ބުނެ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނައިބް ލީޑަރ ރިޔާޒު ރަޝީދު މިއަދުވަނީ އެ ގާނޫނު އުވާލުމަށް މަޖްލިސްއަށް ހުށަހަޅާފައެވެ.
މި ގާނޫނު އުވާލުމަށް ހުށަހެޅުމާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަކީ މަޖްލިސް މެމްބަރުން ޓްރާންސްފާ މާކެޓަށް ހުޅުވާލުންކަމަށެވެ.
އެންޓި ޑިފެކްޝަންގެ ގާނޫނުން މިހާތަނަށް މަޖްލިސްގެ 12 މެމްބަރެއްގެ ގޮޑި ގެއްލުވާލިއެވެ. ނަމަވެސް އޭގެ ތެރެއިން 4 މެމްބަރެއްގެ ގޮޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ އިރު އިތުރު ހަތަރު މެމްބަރެއްގެ ޝަރީއަތުގެ އަޑުއެހުން ވަނީ ބާއްވާފައެވެ.