Last Updated: June 9, 18:41
Tuesday, June 9, 2026
ކުޅިވަރު

އާސެނަލާއި ޗެލްސީއަށް ވެސް ޔޫރޮޕާގައި މޮޅެއް

ޔުއެފާ ޔޫރޮޕާ ލީގުގައި ކުޅޭ އިނގިރޭސި ދެ ޓީމު، އާސެނަލް އަދި ޗެލްސީވެސް ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

އެގޮތުން މިހާރު އެންމެ ރަނގަޅު ފޯމެއްގައި އޮތް އާސެނަލް ވަނީ ސްޕޯޓިން ސީޕީ 1-0 އިން ބަލިކޮށް ޖެހިޖެހިގެން 11 ވަނަ މެޗުން މޮޅުވެފައެވެ.

އާ ކޯޗު އުނައި އެމެރީގެ އިރުޝާދުގެ ދަށުން އާސެނަލް ކުޅުނު 13 މެޗުގެ ތެރެއިން އެގާރަ މެޗުން ވަނީ މޮޅުވެފައެވެ. ރޭގެ މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗު ނިމެން 12 މިނެޓަށް ވެފައިވަނިކޮށް ޑެނީ ވެލްބެކްއެވެ.

ރަށުން ބޭރުގައި ކުޅުނު މިމެޗުގައި އެމްރީ ވަނީ އޮޒިލްއަށް ރެސްޓެއް ދިނުމުގެ ގޮތުން އޭނާ ބެންޗުގައި ބަހައްޓާފައެވެ. އެލެކްސެންޑަރ ލަކަޒޭޓްގެ ބަދަލުގައި ރޭގެ މެޗު ފެށީ ޑެނީ ވެލްބެކްއެވެ. ނަމަވެސް ލަކަޒޭޓް ވަނީ ވެލްބެކްގެ ގޯލަށް ފަހު އޭނާގެ ބަދަލުގައި ކުޅެން ނެރެފައެވެ.

ޗެލްސީ ކުޅެފައިވަނީ ލަންޑަނުގައި ބޭޓް ބޮރިސްއާ ދެކޮޅަށެވެ. މައުރީޒިއޯ ސާރީ ވަނީ އޭނާގެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ފުރަތަމަ އެގާރަ އެއްކޮށް ބަދަލުކޮށްގެން ކުޅުނު މެޗުގައި ތަފާތު ދައްކާލީ އިނގިރޭސިވިލާތުގެ ރުބެން ލޮފްޓަސް ޗީކްއެވެ.

ޗެލްސީ 1-3 އިން މޮޅުވި މިމެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައިވަނީ ލޮފްޓަސް ޗީކްއެވެ. އޭގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައިވަނީ ޑޭވިޑް ޒަޕަކޮސްޓާ އަދި ވިލިއަންއެވެ. ބޮރިސްގެ ހަމައެކަނި ލަނޑު މެޗު ނިމެން ކައިރި ވެފައިވަނިކޮށް ޖަހާފައިވަނީ އެލެކްސޭ ރިއޯސްއެވެ.

ސްޕެއިން ޓީމުތަކުން ވެސް ޔޫރަޕުގައި ރޭ ވަނީ ތަފާތު ދައްކާލާފައެވެ. އެގޮތުން ވިޔަރެއާލް ރެޕިޑް ވިއެން 0-5 އިން ބަލިކޮށްފައިވާއިރު ސެވީއާ ވަނީ އަކިސަރްޕޮރް ކޮޅަށް 6 ލަނޑު ޖަހާފައެވެ. އަދި ރެއަލް ބެޓިސް ވަނީ އޭސީ މިލާން 1-2 އިން ބަލިކޮށްފައެވެ.

ނަމަވެސް ފްރާންސުގެ މާސޭ ވަނީ އިޓަލީގެ ލާޒިއޯ އަތުން 1-3 އިން ބަލިވެފައެވެ. މާސޭ ބަލިވެފައިވަނީ އަމިއްލަ ދަނޑުގައި ކުޅެއެވެ. ޔޫރޮޕާ ލީގުގައި މިއަހަރު ވަރުގަދަ ގިނަ ޓީމުތަކެއް ކުޅެމުން އަންނައިރު ފޯރި އިތުރަށް ވަނީ ގަދަވެފައެވެ. ސްޕެއިން އަދި އިނގިރޭސި ޓީމުތައް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު ކުރިއަށް ހުރި މެޗުތައް އިތުރަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.