Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

ޑީޑީގެ ނަޒަރުގައި މަޖިލީހަށް ބޭނުންވަނީ ދޮށީ އުމުރުގެ މީހުން އެކަނި

ރައްޔިތުންގެ މަޖިލީހަށް ހޮވަންޖެހެނީ އުމުރުން ދުވަސްވީ މީހުން ކަމަށް ދޭހަވާގޮތަށް ހިތަދޫ މެދު ދާއިރާގެ މެންބަރު ވާހަކަފުޅު ދައްކަވައިފިއެވެ.

އިބްރާހިމްދީދީ މިއަދު ފޭސްބުކާއި އަދި ޓްވިޓަރގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ އެމެރިކާގެ ކޮންގްރެސް އާއި ސެނެޓްގެ މެންބަރުންގެ އެވްރެޖް އުމުރަކީ 57 އަހަރާއި 61 އަަހަރާއި ދެމެދު ކަމަށެވެ.

އަދި އެބޭފުޅުންގެ ތެރެއިން އާއްމުކޮށް ކޮލެޖް ތައުލީމް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރޭގައި އުމުރުން 40 އަހަރަށް ވުރެ ހަނގު ބޭފުޅަކު ނެތްކަން އިބްރާހިމްދީދީ ވަނީ ފާހަގަކުރައްވާފައެވެ.

އިބްރާހިމްދީދީ މިހެން ވިދާޅުވި ނަމަވެސް އެމެރިކާގެ ކޮންގްރެސް އާއި ސެނެޓަށް އެއަށް ވުރެ ހަގު މެންބަރުން ދަނީ އިންތިހާބު ކުރަމުންނެވެ.

އިބްރާހިމްދީދީ އެމެރިކާގެ މިސާލު ނަންގެވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހަރުދަނާ ކުރެއްވުމާއި ބެހޭގޮތުންނެވެ. އެގޮތުން އިބްރާހިމްދީދީ ވިދާޅުވީ، "ގައުމު ދެކެ ލޯބިފުޅުވާ ހަރުދަނާ ތެދުވެރި ތައުލީމީ ތަޖުރިބާކާރު ބޭފުޅުން ކޮޅެއް ޤައުމު ސަލަމާތްކުރެއްވުމަށް މަޖިލީހަށް ވަދެވަޑައިގަތުމަށް ގޮވާލާ" ކަމަށެވެ.

މީގެ އިތުރުން އިބްރާހިމްދީދީ ވަނީ އިތުރު ޓްވީޓެއް ކުރައްވައި މަޖިލިސް މެންބަރުން ތަސައްރަފް ފުދޭ ބަޔަކަށް ވުމާއި ތަޖުރިބާ އާއި ނަޒާހަތްތެރިކަމާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެހެން ނަމަވެސް މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ދޮށީ އުމުރުގެ ބޭފުޅުންގެ ފަރާތުން މަޖިލީހުގައި މާރާމާރީ ހިންގުމާއި ހަޑިހުތުރު ބަހުން މުޚާތަބުކުރުން ފަދަ އެތައް ކަމެއް ވަނީ ފެނިގެން ގޮސްފައެވެ.