17:15 މަރަދޫން ހައްޔަރު ކުރި ހަތް މީހުންގެ ބަންދުގެ މުއްދަތު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަހަށް ޖަހައި ދީފި އެވެ.
"އައްޑޫލައިވް" މައުލޫމާތު ލިބިފައިވާ ގޮތުގައި މެންދުރު 3:00 ޖެހި އިރު ހިތަދޫ ކޯޓަށް ގެންދިޔަ މީހުންގެ ބަންދާއި މެދު ގޮތެއް ނުނިމި ލަސްވީ މައްސަލަ ބަލާނެ ގާޒީއަކު ނުވުމުންނެވެ. އަދި މައްސަލަ ދިގުލައިގެން ދިއުމުން ހައްޔަރުގައި ތިބި މީހުން ބީޑި ނައްޓައިދިނުމަށް ފުލުހުން ގާތުން އެދެމުން ދިޔައެވެ. ނަމަވެސް ފުލުހުން ބުނީ ކޯޓަށް ހާޒިރު ކުރުމަށް ފަހު ގަޑި ޖެހުނަސް މައްސަލައެއް ނެތްކަމަށާއި އެހެންވެ މަޑުން ތިބުމަށެވެ.
މިއަދުގެ ޝަރީއަތުގައި ފުލުހުން ބުނެފައިވަނީ މަރަދޫ ތެރެއިން ފުލުހުންގެ ވެހިކަލަކަށް ގާއުކި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ އިތުރު ތަހްގީގަށް ބަންދު ކުރަން ބޭނުންކަމަށެވެ. އެގޮތުން މި ދުވަސްވަރަކީ ފުލުހުންނަށް އަމާޒުކޮށް ހަމަލާ ދެމުންދާ ދުވަސްވަރަކަށް ވެފައި މި މީހުން ދޫކޮށްލައިފިނަމަ ފުލުހުންގެ ފުރާނައަށް ގެއްލުންވެދާނެތީ އާއި މައްސަލައިގެ ބާވަތުން ފުލުހުންގެ ތަހްގީގަށް ހުރަސް އެޅިދާނެކަމަށް ވާތީ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށެވެ.
ހައްޔަރު ކުރި މީހުން ކޯޓުގައި ބުނެފައިވަނީ އެމީހުންނަށް ބޮޑެތި އަނިޔާ ކޮށްފައިވާ ކަމަށާއި އެގޮތަށް ތަޅައި ކޮށްފައިވާ އަނިޔާ ގާޒީއަށް ވަނީ ދައްކާފައެވެ.
މުއްދަތުޖެހުމަށް ފަހު ކޯޓުން ބޭރަށް ގެންދިޔަ ވަގުތުވެސް އެސްއޯ ފުލުހުންވަނީ އެތަނަށް އެއްވެ ތިބި މީހުން ކޯޓާއި 50 ފޫޓަށް ކައިރި ނުވުމަށް ބުނެފައެވެ. އަދި އެތަނުގައި ފޮޓީ ނަގަމުންދިޔަ ނޫސްވެރިންނަށް ބިރު ދެއްކުމަށްވެސް މަަސައްކަތްކުރިއެވެ.
މިއަދު ވެސް އެސްއޯ ފުލުހުން މަސައްކަތްކޮށްފައިވަނީ މީހުން ބިރުގެނެނެވުމަށާޢި ގަދަކަން ދައްކައިގެން މީހުން އެތަނުން ދުރުކުރުމަށެވެ.
މަރަދޫން އަށް މީހަކު ހައްޔަރު ކުރި ނަމަވެސް، ފަހުން އެކަކު ވަނީ ދޫކޮށްލާފަ އެވެ. އެހެންވެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ހަތް މީހެެއްގެ އެވެ.
16:30 ސ. މަރަދޫގައި އިއްޔެ އާއްމުންނާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ކޯޓުން ގޮތެއް ނިންމައި ނުދީގެން، ހައްޔަރު ކުރި މީހުން ދޫކޮށްލަން ޖެހޭ ހިސާބަށް ގޮސްފި އެވެ.
މަރަދޫން ހައްޔަރު ކުރި އަށް މީހުންނާ އެކު ފުލުހުން މިވަގުތު ވެސް ތިބީ ހިތަދޫ މެޖިސްޓްރޭޓް ކޯޓްގަ އެވެ. އަދި މިއަދު މެންދުރު ފަހު މަރަދޫ ކޯޓަށް ވެސް މި މައްސަލާގައި ގޮތެއް ނިންމައި ދިނުމަށް ފުލުހުން ދިޔަ އެވެ.
އެހެން ނަމަވެސް މިހާތަނަށް އައި އިރު އައްޑޫގެ އެއްވެސް ކޯޓަކުން، ހައްޔަރު ކުރި މީހުންނާ މެދު ވަނީ ގޮތެއް ނިންމަން ވަނީ ހުރަސް އެޅިފަ އެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ކޯޓްތަކުން ގޮތެއް ނިންމައި ނުދީގެން އުޅެނީ މެޖިސްޓްރޭޓުން ތަފާތު މީސްމީހުންގެ ފަރާތުން އިންޒާރުތަކެއް ލިބެމުންދާތީ އެކަމާ މެޖިސްޓްރޭޓުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުމާ ގުޅިގެންނެވެ.