Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

"ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލޭނަމަ، ރީކޯ މޫސަގެ ގޮނޑި ނުގެއްލެންވީ ކީއްވެ؟"

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން - ފޮޓޯ: މަޖިލިސް

މިހާރު ޢަމަލު ކުރަމުންދާ އެންޓި ޑިފެކްޝަން ޤާނޫނުގެ ދަށުން ޕާޓީ ބަދަލުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނަމަ، މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ)ގެ ގޮނޑި ނުގެއްލެންވީ ކީއްވެގެންތޯ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ސުވާލުކުރައްވައިފި އެވެ.

ސައުދު މި ސުވާލު ކުރައްވާފައި ވަނީ މަޖިލީހުގައި ނައިބު ރައީސަށް ކަންކަން ކުރުމުގެ ފުރުސަތެއްލިބުނީ އަދި ކިރިޔާ ކަމަށާއި މަޖިލީހުގެ ޙާލަތު ކުރިން އޮތްގޮތުން ދެރަވެ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ މޫސަ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ސައުދު ވަނީ ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށް މޫސައަށް ގޮވާލައްވާފައެވެ. އަދި މަޖިލީހުގެ ޙާލަތު ގޯސްވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އެކުވެ، މަޤާމަށް ދަހިވެތިވެ، މަޖިލިސް ހިސާރުކުރުމުން ކަމަށްވެސް ސައުދު ވިދާޅުވި އެވެ.

"ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލޭނަމަ ރީކޯ މޫސަ ޕާޓީ ބަދަލުކުރުމުން ގޮނޑި ނުގެއްލެންވީ ކީއްވެތޯ؟ ސުޕްރީމް ކޯޓްގެ ޙުކުމް އަންނަ ގޮތާއި ވަގުތު އެނގިލެއްވީތޯ؟"، ސައުދުގެ ޓްވީޓްގައި ސުވާލު އުފައްދަވާފައި ވެއެވެ.

ސައުދު މިމޭރުމުން ވާހަކަދައްކަވައި ޓްވީޓް ކުރެއްވިއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އަދި އެ ޕާޓީގެ ޗެއާޕާސަންގެ މަޤާމުގައި ކުރިން ހުންނެވި މޫސަ، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އަށް ސޮއިކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ. އަދި އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މޫސަ ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައެވެ.