ކޮލަމްބޯ- 26 އޮކްޓޯބަރ: ލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ އެގައުމުގެ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަ މިއަދު ކުރައްވައިފިއެވެ.
ރާޖަޕަކްސަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވީ އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގ ކުއްލިގޮތަކަށް މިއަދު ބޮޑުވަޒީރުކަމުން ދުރުކުރުމާއި ގުޅިގެންނެވެ. ރަނިލް އިސްތިއުފާ ދެއްވިއިރު އޭނާގެ ޕާޓީ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ވަނީ ސަރުކާރު ކޯލިޝަނުން ވަކިވެފައެވެ.
ލަންކާގެ ބޮޑުވަޒީރުކަމަށް ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސާ އައްޔަންކޮށްފައިވާ އިރު މިކަމުގައި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް އެގައުމުގެ ސިޔާސީ ފަރާތްތަކުން ވަނީ ބުނެފައެވެ.
ލަންކާގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނާ ގޮތުގައި ޕާލަމެންޓުގެ މެޖޯރިޓީ ނެތި ރާޖަޕަކްސާ ބޮޑުވަޒީރުކަމަށް އައްޔަން ނުކުރެވޭނެއެވެ. ލަންކާގެ ގާނޫނު އަސާސީގެ 19 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން ޕާލިމެންޓުގެ މެޖޯރިޓީ ނެތި ބޮޑުވަޒީރު މަގާމުން ބޭރު ނުކުރެވޭނެއެވެ. ލަންކާގެ ޕާލަމެންޓުގައި ސިރިސޭނާ އާއި ރާޖަޕަކްސަ ޕާޓީ އެއްކޮށްލުމުން ލިބެނީ 95 ގޮޑިއެވެ. ރަނިލްގެ ޔޫއެންޕީ 106 ގޮޑި ލިބެއެވެ. އަދި އެ އަދަދަކީ ލަންކާގެ ޕާލެމެންޓުގެ މެޖޯރިޓީ ހޯދުމަށް 7 ގޮޑި މަދު އަދަދެކެވެ.
2015 ވަނަ އަހަރު ލަންކާގެ ރައީސް ކަމަށް ސިރިސެނާ ގެނައުމުގައި އެންމެ އިސް ދައުރެެއް އަދާކުރެއްވީ ރަނިލްއެވެ. ނަމަވެސް ފަހަކަށް އައިސް ސަރުކާރު ހިންގެވުމުގެ ސިޔާސަތު ތަކާއި ގުޅިގެން ރަނިލް އާއި ސިރިސޭނާގެ ގުޅުންވަނީ ހީނަރުވެފައެވެ.
ސިރިސޭނާ ރައީސްކަމަށް އިންތިހާބުވީ ރާޖަޕަކްސާގެ ސަރުކާރުގެ ހެލްތު މިނިސްޓަރަކަށް ހުންނެވުމަށް އިސްތިއުފާ ދެއްވައި ނިކުންނަވައި ރަނިލްގެ އެހީތެރިކަމާއި އެކު އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.
ވެރިކަމަށް ސިރިސޭނާ ވަޑައިގަތީ ރާޖަޕަކްސާގެ ވެރިކަމުގައި ހިންގިކަމަށް ބުނާ ބޮޑެތި ކަރަޕްޝަންގެ މައްސަލަތައް ތަހްގީގުކުރައްވާނެކަމަށް ވިދާޅުވެއެވެ. އަދި ވެރިކަމުގައި އެ މައްސަލަތައް ބަލައި، ރާަޖަޕަކްސާގެ އަރިސް ބޭފުޅުންތައް ހައްޔުރު ކުރެއްވިއެވެ.