ސްރީ ލަންކާގެ ރައީސްގެ ޕާޓީ، ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔެންސް ސަރުކާރުން ވަކިވުމާ ގުޅިގެން ރައީސް މައިތިރިޕާލާ ސިރިސޭނާ މިއަދު ރަނިލް މަގާމުން ވަކިކޮށް، ކުރީގެ ރައީސް މަހިންދަރަޖާ ޕަކްސަ އެ މަގާމަށް ގެނައީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ރަނިލް ކޯޓަށް މައްސަލަ ހުށައެޅުމަށް ނިންމައިފިއެވެ.
ސިރިސެނާއަށް ރަނިލް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ލަންކާގެ ގާނޫނާ އަސާސީގެ 42 ވަނަ މާއްދާގެ ދަށުން ރައީސަށް ބޮޑުވަޒީރު މަގާމުން ވަކިނުކުރެވޭނެ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ވޯޓު ލިބިގެން ނޫނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
ސިރިސޭނާ މަގާމަށް އިންތިޚާބު ކުރުމަށް 2015 ވަނަ އަހަރު ރަނިލް ބުރަ މަސައްކަތް ކުރެއްވި ނަމަވެސް ދެބޭފުޅުންގެ ދެމެދުގައި ފަހަކަށް އައިސް ޚިޔާލު ތަފާތުވުންތައް ވަނީ އުފެދިފައެވެ.
ކުއްލި ގޮތަކަށް މިއަދު ރަނިލް މަގާމުން ވަކިކޮށް ރާޖަޕަކްސަ އެމަގާމަށް ގެނައުމުން ދުނިޔޭގެ އެކިކަންކޮޅުތަކަށް ބޮޑު ޝޮކެއް ލިބިފައިވާއިރު ލަންކާގެ ކެބިނެޓުގެ ވަޒީރުން އަންނަނީ އެ ނިންމުމަކީ ގާނޫނާއި ޚިލާފު ނިންމުމެއް ކަމަށާއި އަދިވެސް ގާނޫނީ ގޮތުން ލަންކާގެ ބޮޑުވަޒީރަކީ ރަނިލް ކަމަށް ބުނެ އަޑުއުފުލަމުންނެވެ.
ސިރިސޭނާ މަގާމަށް އިންތިޚާބު ވުމަށްފަހު 2015 ވަނަ އަހަރު ވަނީ ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ ވެރިކަމުގައި ހިނގި ލާއިންސާނީ އަމަލުތަކާއި ކޮރަޕްޝަން ތަހުގީގު ކުރާނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް އެވައުދުތައް ނުފުއްދި ވާކަން ފާހަގަކޮށްލެވެއެވެ.