ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރުކަމުން ދުރުކޮށް އެގައުމުގެ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަ އައްޔަން ކުރުމާއި ގުޅިގެން ގާނޫނީ މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް އެގައުމުގެ ސިޔާސީ ފަރާތްތަކުން ބުނެފިއެވެ.
ޕާލިމެންޓުގެ މެޖޯރިޓީ ނެތި ރަނިލް ބޮޑުވަޒީރުކަމުން ދުރުކުރި މައްސަލަ ކޯޓަށް ހުށަހަޅުއްވަން ނިންމަވާފައިވާ އިރު ރަނިލްވަނީ އޭނާ އަކީ އަދިވެސް ލަންކާގެ ބޮޑުވަޒީރުކަމަށް ވިދާޅުވެފައެވެ. އަނެއްކޮޅުން ރާޖަޕަކްސާވަނީ ރަނިލް މަގާމުން ދުރުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މަގާމުގެ ހުވާކުރައްވާފައެވެ.
އެހެންވެ މިހާރު ލަންކާގައި ދެ ބޮޑުވަޒީރުން އެބަތިއްބެވެ. ރަނިލް ގަބޫލް ކުރައްވާ ގޮތުގައި ރާޖަޕަކްސައަށް ބޮޑު ވަޒީރުކަމަށް އައްޔަން ނުކުރެއްވޭނެއެވެ. އެއީ ސިރިސޭނާ އާއި ރާޖަޕަކްސަ ޕާޓީ އެއްކޮށްލުމުންވެސް ޕާލަމެންޓުގެ މެޖޯރިޓީ ނުލިބޭތީއެވެ. އަދި ޕާލަމެންޓުގެ ރުހުންނެތި ބޮޑުވަޒީރު މަގާމުން ދުރު ނުކުރެވޭނެތީއެވެ.
ލަންކާގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވީ މިއީ ޑިމޮކްރަސީ އާއި ހިލާފު ބަޢާވާތެއް ކަމަށެވެ. ސަމަރަވީރާ މިގޮތަށް ވިދާޅުވާއިރު ލަންކާގެ ސިޔާސީ ފަރާތްތަކުންވެސް ވަނީ މިއީ ސިރިސޭނާ ގެންނެވި ބަޢާވާތެއް ކަމަށް ސިފަ ކުރައްވާފައެވެ.
2015 ވަނަ އަހަރު ރާޖަޕަކްސަގެ ވެރިކަން ނިމުމަކަށް ގެނައީ ސިރިސޭނާ އާއި ރަނިލް ގުޅިގެން ނިކުމެވަޑައިގެންނެވެ. ރާޖަޕަކްސާގެ ކެބިނެޓުގައި ހުންނެވުމަށްފަހު ސިރިސޭނާ ނިކުމެ އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅުންވީ ރާޖަޕަކްސަ ބަލިވި އެންމެ ބޮޑު ސަބަބަކަށެވެ.
ލަންކާ ސަރުކާރު ތެރޭގައި މައްސަލަ އުފެދިފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދާދި ފަހުން ސިރިސޭނާ އަވަހާރަކޮށްލަން އުޅުއްވާކަމަށް އެމަނިކުފާން ވަނީ ކެބިނެޓުގައި ވިދާޅުވެފައެވެ. އަދި އެކަމުގެ އަޑީގައި ވަނީ އިންޑިއާގެ ސީކްރެޓު ސާވިސްކަމަށް ސިރިސޭނާ ތުހުމަތު ކުރެއްވިއެވެ. ސިރިސޭނާ އާއި ރަނިލްގެ މައްސަލަ އިތުރަސް ގޯސްވި ކަންކަމުގެ ތެރޭގައި މި މައްސަލަވެސް ހިމެނެއެވެ. ލަންކާ ނޫސްތަކުން ބުނާ ގޮތުގައި މި މައްސަލައަށް ރަނިލްގެ ފަރާތުން މާ ބޮޑު ސަމާލުކަމެއް ލިބިފައިނުވެއެވެ.
ރަނިލް މަގާމުން ދުރުކުރުމާއި ގުޅިގެން އޭނާގެ ޕާޓީ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ކުއްލި ބައްދަލުވުމެއް ބާއްވަން ވަނީ ނިންމަވާފައެވެ. އަދި މިކަމުގައި ކުރިއަށް ވަޑައިގަންނަވާނެ ގޮތެއް އެ ބައްދަލުވުމުގައި ނިންމަވާނެކަމަށް މައުލޫމާތުލިބެއެވެ.