ފުޅިއަޅައިގެން ފީނަން އުޅުމުގެ ތެރޭގައި ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ އައްޑޫސިޓީގެ ހިތަދޫ މީހަކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ހޯދައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ސ. ހިތަދޫ ފެހިވިނަ އިބްރާހީމް ޝަކީބްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އަށް ރޭ 23:14 ގައި ލިބުނު ރިޕޯރޓަކާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑަރަންގެ ޓީމެއް ހާބަރ ޕެޓްރޯލްގައި ޝަކީބް ހޯދުމުގެ މަސައްކަތަށް ކުރަމުން ދަނިކޮށް ރޭ 23:39 ހާއިރުއެވެ އޭނާ ފެނިފައިވާ ކަމަށެވެ.
ލަނޑާ ނެގުމަށް ފީނި ޝަކީބު ފެނިފައިވަނީ ސ. ހުޅުމީދޫ އިރުން 1 މޭލު ބޭރުންކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެެންޑީއެފް އިން ބުނީ މިހާދިސާ ދިމާވީ، ފުޅިއަޅައިގެން ލަނޑާނެގުމަށްޓަކައި ޝަކީބް ފީނުމަށްފަހު މައްޗަށް އެރި ވަގުތު ދޯންޏާއި ދިމާނުވެ އޮޔާ ދިޔުމުގެ ސަބަބުންނެވެ. މި ހާދިސާގައި ޝަކީބަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.