Last Updated: June 9, 18:41
Tuesday, June 9, 2026
ކުޅިވަރު

ޑެހެއާ މަޑުކުރާނެ ކަމާމެދު މޮރީނިއޯ ޝައްކު

އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުގެ އެއްވަނަ ގޯލުކީޕަރު އެކުލަބުގައި މަޑުކުރާނެ ކަމާމެދު ޔަގީންކޮށް އެއްޗެއް ބުނަން ނޭނގޭ ކަމަށް ކޯޗު، ހޯސޭ މޮރީނިއޯ ބުނެފިއެވެ.

އާދީއްތަ ދުވަހު އެވަޓަންއާ ދެކޮޅަށް ނިކުތުމުގެ ކުރިން މޮރީނިއޯ މީޑިޔާއާ ބައްދަލުކޮށް ދިން ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނީ ޑެހެއާ މަޑުކުރާނެ ކަމާމެދު ޔަގީން ކޮށް އެެއްޗެއް ބުނަން މިހާރު ނޭނގޭ ކަމަށެވެ.

މިސީޒަނުގެ ނިޔަލަށް ޑެހެއާގެ ޔުނައިޓެޑު ކޮންޓްރެކްޓު ހަމަވާއިރު އޭނާ އަދި އާ ކޮންޓްރެކްޓެއްގައި ސޮޔެއް ނުކުރެެއެވެ. ނަމަވެސް ކުލަބާއި ގާތް ފަރާތްތަކުން ވަނީ ޔުނައިޓެޑުން ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ ކުލަބުގައި ބަހައްޓަން ބޭނުން ކަމަށާއި އެހެންކަމުން ރަނގަޅު ކޮންޓްރެކްޓެއް ހުށައަޅަން ކުލަބު ތައްޔާރަށް އޮތް ކަމަށެވެ.

ޑެހެއާގެ އިތުރުން ފްރާންސުގެ ފޯވާޑް، އޮންތޮނީ މާޝިއަލްގެ ކޮންޓްރެކްޓުވެސް މިސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އޭނާވެސް އަދި ކޮންޓްރެކުޓުގައި ސޮއި ނުކުރިޔަސް، ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެއެވެ.