ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީ ބަދަލުނުކުރެވޭނެ ގޮތަށް ހަދާފަައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ މެމްބަރުން ރައްޔިތުން އިންތިޚާބު ކުރަނީ ވަކި ފިކުރެއް ގަބޫލުކޮށްގެން ވަކި އަސާސްތަކާއި އަގުކުރާ ކަންތައްތަކެއް ގަބޫލުކޮށްގެން ކަމަށެވެ.
އެހެންކަމުން އެ މެމްބަރުން ޕާޓީ ބަދަލުކޮށް ފިކުރު ބަދަލުކުރިޔަސް އެޅޭނެ ފިޔަވަޅެއް ނެތުމަކީ ގޯސް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައަކާ ގުޅިގެން އުފެދުނު އެންޓި ޑިފެކްޝަން ބިލް އަމާޒުވެގެން ދިޔައީ މަޖިލިސް މެޖޯރިޓީ ނެގި ޕީޕީއެމަށް އެކަނިކަން ފާހަގަކޮށްލެވެއެވެ. ރައީސް ޔާމީންގެ ފިކުރަށް ތަބާނުވި މެމްބަރުން ޕާޓީން ވަކިކޮށް ގޮނޑި "ގެއްލުވާލި" އިރު އެމްޑީޕީ އަދި ޖޭޕީގައި ތިބެ ޕީޕީއެމާ ގުޅުނު މެމްބަރުންނަށް އެ ގާނޫނުގެ އަސަރެއް ނުފޯރިއެވެ.