Last Updated: June 22, 13:56
Sunday, June 22, 2025
ޚަބަރު

ޕީޕީއެމްގެ އަހަރީ ދުވަހުގެ ތަހުނިޔާ މައުމޫން މެމްބަރުންނަށް ކިޔައިފި

އަބްދުއް ރަހީމް މައުމޫނާއެކު. އަބްރުއްރަހީމް ވަނީ މައުމޫންގެ ނަން ބާޣީއެއްގެ ގޮތުގައި ލިޔަން ޖެހިދާނެތީ ހިތާމަ ކުރާ ކަމަށް ވިދާޅުވެފައި: ފޮޓޯ - ވީނިއުސް

ޕީޕީއެމްގެ ހަގީގީ ލީޑަރުގެ ހައިސިއްޔަތުން މިއަދު ޕާޓީއަށް ފުރޭ ހަތް ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޕާޓީގެ އެންމެހާ މެމްބަރުންނަށް އަރިސްކޮށްފިއެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕާޓީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އަހަރީ ދުވަހުގެ ތަހުނިޔާ އެންމެހާ މެމްބަރުންނަށް ރައްދު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ ސިޔާސަތުތަކާއި ހިތްޕުޅު ހަމަނުޖެހިވަޑައިގެން މައުމޫން ވަނީ ރައީސް ޔާމީނަށް ސިޔާސީ ގޮތުން ކުރެއްވި ތާއީދު އަނބުރާ ގެންގޮސްފައެވެ. އަދި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕު އެއާއެކު ދެބަޔަކަށް ބެހިގެން ދިޔައިރު ޕާޓީގެ ލީޑާޝިޕާ މެދު ސުވާލު އުފެދިގެން ދިޔައެވެ.

މައްސަލަ ހޫނުވެ ކޯޓަށް މައްސަލަ ހުށައަޅައި، އެންމެ ފަހުން ސިވިލް ކޯޓުން ވަނީ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ޕާޓީ ހަވާލުކުރައްވާފައެވެ.

އަދި ޕާޓީގެ ކުލަ، ލޯގޯ އަދި ދިދައާއ ނަން ރައީސް މައުމޫނަށް ބޭނުން ނުކުރެވޭނެ ކަން އަންގާފައިވެއެވެ. ނަމަވެސް އިންތިޚާބަށް ފަހު ރައީސް ޔާމީން ލީޑަރަކަށް ހުންނަވައި ޕީޕީއެމުން ބޭއްވި ކޮންގްރެެސް، އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލުކޮށްފައެވެ. ރައީސް މައުމޫނާއި ޕާޓީ ހަވާލުކުރަން ސިވިލް ކޯޓަށް މިހާރު ވަނީ މައްސަލައެއް ވެސް ހުށައަޅާފައެވެ.