Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"ވަކި ފިކުރަކަށް ތާއީދުކުރުމުން ވަޒީފާގެ ގެއްލޭ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ"

ސިޔާސީ ގޮތުން ވަކި ފިކުރަކަށް ތާއީދުކުރުމުން ވަޒީފާ ގެއްލޭ ނުވަތަ ވަޒިފާގެ ބިރު އޮންނަ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވެފައިވަނީ ސިވިލް ސާވަންޓުންނަށް "ބިރުދައްކާ" ސަގާފަތް އެއްކޮށް ދޫކޮށްލައިގެން ނޫނީ ސިވިލް ސާވިސްއެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އަދި ޖަޒީރާރާއްޖެ، އިބޫގެ އާ ސަރުކާރުން މިސަގާފަތް ނައްތާލާނެ ކަމަށް އުއްމީދު ކުރާ ކަމަށް ހަބީބް ވިދާޅުވިއެވެ. ފާއިތުވެދިޔަ ފަސް އަހަރު ޕީޕީއެމް ސަރުކާރުގައި ޕީޕީއެމުން ބާއްވާ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިވާން މަޖުބޫރު ކުރި ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އަދި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުން މަގާމުން ވަކިކޮށް ނުވަތަ ސަބަބެއް އެންގުމެއް ނެތި އެހެން އަތޮޅެއްގެ އެހެން ބްރާންޗަކަށް ބަދަލުކޮށް ދަތިކުރުންތައް ބައެއް މުވައްޒަފުން ވަނީ ތަހައްމަލް ކޮށްފައެވެ.