Last Updated: June 9, 18:41
Tuesday, June 9, 2026
ޚަބަރު

ބޭރުން އަދީބަށް ފަރުވާދޭން ގޮވާލާތީ ރިލްވާނުގެ އާއިލާގެ ކަންބޮޑުވުންތައް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލާތީ، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާނުގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރިޟްވާނުގެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަދީބަކީ ރިޟްވާން ގެއްލުވާލި މައްސަލާގައި ތަހުގީގަށް ސުވާލުކުރަން ޖެހޭ ފަރާތެއް ކަމަށާއި ރިޟްވާނު ވަގަށް ނެގުމާއި ގުޅުން ހުރި ބަޔަކާ އަދީބާ ގުޅުންހުރި ކަމުގެ މައުލޫމާތު ކުރިން ހާމަވެފައިވާ ކަމަށެވެ.

މީގެ އިތުރުން އިންތިޚާބީ ރައީސް، އިބޫ ސޯލިހް ވަނީ ރިޟްވާން ވަގަށް ނެގި މައްސަލަ އަލުން ތަހުގީގު ކުރަން ވައުދުވެފައި ކަމަށާއި، ނަމަވެސް އިދިކޮޅު ލީޑަރުން އަދީބުގެ ބޭސްފަރުވާ ރާއްޖެއިން ބޭރުން ކުރުމަށް ފުރުސަތުދޭން ގޮވާލާތީ ކަންބޮޑުވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް އަދީބަށް ވެސް ބޭސްފަރުވާ މަނާ ކުރެވިގެން ނުވާނެ ކަމަށާއި އަދީބަށް ބޭނުންވާ ބޭސްފަރުވާ ރާއްޖެއިން ހަމަޖެއްސޭނެ އިންތިޒާމު ހޯއްދަވައި ދެއްވުމަށް ރިޟްވާނުގެ އާއިލާއިން ގޮވާލާފައިވެއެވެ.

މީގެ ހަތަރު އަހަރު ކުރިން، 2014 ވަނަ އަހަރު އޮގަސްޓު 7 ވަނަ ދުވަހުން ފެށިގެން ރިޟްވާނު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަކަން ސާބިތުވާ ސީސީޓީވީ ކެމެރާ ފުޓޭޖު އާންމުވެފައިވާއިރު އެކަމުގައި ޝާމިލްވި ކަމަށް ދައުލަތުން ދައުވާއުފުލި ދެމީހުން ވަނީ މިނިވަން ވެފައެވެ.