އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް، ފައިސަލް ނަސީމް އަށް އަންނަ ނޮވެމްބަރު މަހުގެ 11 ދުވަހު ހުވާކުރެއްވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
ވައްޑޭ މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.
Qaanoonee, urufee Adhi sagaafee gothun ves November 11 gai @ibusolih aa @FaisalNasym huvaa kurevvun, rasmee koh baavvan jehey. Nov 11 akee jumhooree dhuvas. pic.twitter.com/KVusMNs56r
— Mohamed Waheed Ibrahim (@Lawyer_Waddey) October 26, 2018
އެ ޓްވީޓްގައި ވައްޑޭ ވިދާޅުވެފައި ވަނީ ޤާނޫނީ ގޮތުންނާއި އުރުފީ ގޮތުންނާއި އަދި ޘަޤާފީގޮތުން ވެސް ނޮވެމްބަރު 11 ގައި އިބޫ އާއި ފައިސަލްގެ ހުވާ ކުރެއްވުން ރަސްމީކޮށް ބާއްވަން ޖެހޭ ކަމަށެވެ.
"ނޮވެމްބަރ 11 އަކީ ޖުމްހޫރީ ދުވަސް"، ވައްޑޭގެ ޓްވީޓްގައި ވިދަޅުވެފައި ވެއެވެ.
ވައްޑޭ މިހެން ވިދާޅުވިއިރު، ނޮވެމްބަރ 11 ގައި އިބޫ އަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ.
އީސީގެ ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވި ގޮތުގައި އީސީ އިން އެގޮތަށް ނިންމީ، 2013 ވަނަ އަހަރު އެ ކޮމިޝަނުން ނެރުނު އިޢުލާނުގައި ރައީސް އަބްދުﷲ ޔާމީންގެ ދައުރު ފެށިފައިވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ބުނެފައިވާތީ ކަމަށެވެ.
އަދި ރިޔާސީ އިންތިޚާބުގެ ކަލަންޑަރު 2018 ހެދުމުގައި، ޤާނޫނީ ގޮތުން ބަޔާންކޮށްފައިވާ ތާރީޚުތައް، ނޮވެމްބަރު 11 އަކީ ދައުރު ހަމަވާ ދުވަސްގެ ގޮތުގައި ބަލައިގެން ކަނޑައަޅާފައިވުން ވެސް އީސީ އިން ފާހަގަކުރެއެވެ.
ޤާނޫނު އަސާސީގެ އިންތިގާލީ ބާބުގައިވާ ގޮތުން އާ ރައީސްއަކު ހުވާ ކުރެއްވުން އޮންނަނީ ނޮވެމްބަރު 11 ގައެވެ.
އެހެންނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ނޮވެމްބަރު 17 ގައި ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ އެ އަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމާއި ގުޅިގެން، 11 ނޮވެމްބަރަށް އާ ރައީސްއަކު އިންތިޚާބު ނުކުރެވުމުގެ ސަބަބުންނެވެ.
ރިޔާސީ އިންތިޚާބުގެ ދައުރާ ގުޅޭގޮތުން، އިންތިޚާބު ބޭއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބަންޑާރަ ނައިބުގެ ލަފައަކަށް ވެސް އެދިފަ އެވެ.
އަދި އޭރު ބަންޑާރަ ނައިބުގެ އޮފީހުން ލަފާދިނީ ރައީސް ޔާމީން ހުވާކުރެއްވީ 17 ނޮވެމްބަރ 2013 ގައި ކަމަށް ވުމުން، މި ފަހަރު ވެސް ހުވާކުރުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17 ގައި ބޭއްވުމަށެވެ.
އެހެންނަމަވެސް އަންނަ މަހުގެ 11 ވަނަ ދުވަހު އިންތިޚާބީ ރައީސް، އިބޫ އަށް ހުވާކުރެއްވެން ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.