Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

މާދަމާގެ ޖަލްސާއަށް ޕީޕީއެމްއިން ފްރީ ވިޕެއް

ރައްުޔިތުންގެ މަޖިލީހުގެ މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބޭއްވި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށް މަދު މެމްބަރުންތަކެއް ހާޒިރުވުމުން ގޮތެއް ނުނިމި ބައްދަލުވުން ނިންމާލައިފިއެވެ.

މާދަމާގެ މަޖްލިސް ޖަލްސާގެ އެޖެންޑާގައި، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ ކުރެއްވުން ބާއްވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާނެ ދުވަސް ކަނޑައެޅުމަށް އެޖެންޑާކޮށްފައި ވެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމާއި، އދ. ގެ ނިންމުންތައް ތަންފީޒު ކުރުމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރު އިއްވުން ވެސް ވަނީ އެޖެންޑާކޮށްފައެވެ.

މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ބިލު ހިމެނޭއިރު، އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހަޅުއްވާފައިވާ ބިލް ވެސް ހިމެނެއެވެ.

އެބިލްތައް އެޖެންޑާކޮށްފައި ވަނީ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން ވޯޓަށް އަހައި، ފެންނަ ކަމަށް ފާސްވެއްޖެ ނަމަ ބަހުސް ކުރިއަށް ގެންދާ ގޮތަށެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ބައްދަލުވުމަށްފަހު ޕާޓީގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވީ އެޖެންޑާގެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ހާޒިރުވީ 36 މެމްބަރުންގެ ތެރެއިން 14 މެމްބަރުން ކަމަށެވެ.

ނިހާނު ވިދާޅުވީ އެޖެންޑާގެ ކަންކަމާއި މެދު އެއްވެސް ގޮތެއް ނިންމާފައި ނުވާކަމަށެވެ. އެގޮތުން އެޖެންޑާކޮށްފައިވާ އިންތިހާބީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލް ޖުމްހުރިއްޔާ ކަމުގެ ހުވާ ކުރާ ތާރީހާއި ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު މާދަމާގެ ބަހުސްއިން އެނގިގެންދާނެކަމަށެވެ.

ރިޔާސީ އިންތިހާބަށްފަހު ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އިރު ޕީޕީއެމްގެ މެމްބަރުންނާއި އެކު ޖުމްލަ 51 މެމްބަރުންގެ ސޮޔާއިއެކު މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖްލިސްއަށް ހުށަހަޅާފައެވެ.