Last Updated: June 9, 18:41
Tuesday, June 9, 2026
ދުނިޔެ

އެމެރިކާގައި އަނެއްކާވެސް އާންމުގެ ތެރެއަށް ބަޑި ޖަހައި 11 މީހަކު މަރާލައިފި

އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓުގެ ޕިޓްސްބާގްގައި ބަޑީގެ ހަމަލާއެއްގައި 11 މީހަކު މަރާލައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ހިނގި މިހާދިސާގައި އެސޯލްޓް ރައިފަލަކާއެކު ޔަހޫދީ ފައްޅިއަކަށް ވަދެ އެތާ ތިބި މީހުންގެ ތެރެއަށް ބަޑި ޖަހާފައިވަނީ 46 އަހަރުގެ ރޮބާޓް ބޮވާސް ކިޔާ މީހެކެވެ.

އޭނާ ވަނީ ބަޑި ޖެހުމުގެ ކުރިން ހުރިހާ ޔަހޫދީން މެރުމަށް ގޮވާލާފައެވެ. އަދި އޭގެ ކުރިންވެސް ސޯޝަލް މީޑިޔާ މެދުވެރިކޮށް އޭނާ ވަނީ ޔަހޫދީންނާ ދެކޮޅު ވާހަކަތައް ލިޔެފައެވެ.

އެސަރަހައްދުގައި ހަރަކާތްތެރިވި އެމެރިކާ ފުލުހުން ވަނީ ބޮވާސް ގަޔަށް ބަޑި ޖަހައި އޭނާ ހުއްޓުވާފައެވެ. އަދި މިހާރު އޭނާ އަށް ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާއާ ދެކޮޅަށް 29 ދައުވާއެއް އުފުލުމަށް ޕްރޮސެކިއުޓަރުން ތައްޔާރުވަމުން އަންނަ އިރު ގަސްދުގައި މީހުން މެރުމުގެ 11 ދައުވާ ވަނީ އުފުލާފައެވެ.

އެމެރިކާގައި މިފަހަކަށް އައިސް އާންމުންގެ ތެރޭގައި ބަޑި ޖަހައި މީހުން މެރުން އާންމުވެފައި ވާއިރު އެމެރިކާގެ ހަތިޔާރު ގެންގުޅުމުގެ ގާނޫނު އިސްލާހު ކުރަން ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.