Last Updated: June 9, 18:41
Tuesday, June 9, 2026
ކުޅިވަރު

ލެސްޓާގެ ޗެއާމަން ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓިއްޖެ

ހެލިކޮޕްޓަރު ވެއްޓިފައި: ފޮޓޯ -މީޑިޔާ

އިނގިރޭސި ފުޓުބޯޅަ ކުލަބު، ލެސްޓާ ސިޓީގެ ޗެއާމަން ވިޗައި ސްރިވަދަންޕްރާބާގެ އަމިއްލަ ހެލިކޮޕްޓަރު، ދަނޑުން ނައްޓާލުމުގެ ތެރޭގައި ވެއްޓިއްޖެއެވެ.

ރޭ ލެސްޓާ ސިޓީ ވެސްޓް ހެމްއާ ދެކޮޅަށް ކުޅުނު މެޗު ބެއްލެވުމަށް ޗެއާމަން ވިޗައި ސްޓޭޑިއަމަށް ވަޑައިގަތެވެ. އޭނާ އާންމުކޮށް ސްޓޭޑިއަމަށް އަންނަނީ ވެސް އަދި އެނބުރި ވަޑައިގަންނަވަނީ ވެސް ހެލިކޮޕްޓަރުގައެވެ.

ސްޓޭޑިއަމް އެތެރެއިން ހެލިކޮޕްޓަރު ނައްޓާލީ ޗެއާމަން ވިޗައިއާއެކު ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފައެވެ. ހެލިކޮޕްޓަރު ވެއްޓިފައިވަނީ ސްޓޭޑިއަމުން ނައްޓާލިތާ މާގިނައިރުތަކެއް ނުވެ، އިންޖީނު ހުއްޓުމަށް ފަހުއެވެ.

ކުލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނުރައްކާތެރި ހާދިސާގައި ޗެއާމަން ވިޗައި، އޭނާގެ އަންހެން ދަރިފުޅާއި ދެ ޕައިލަޓުން އަދި އިތުރު މީހަކުވެސް ބޯޓުގައި ދަތުރުކުރި ކަމަށާއި ފަސް މީހުންވެސް ވަނީ ނިޔާވެފައި ކަމަށެވެ.

ހެލިކޮޕްޓަރު އެނބުރެން އެނބުރެމުން އައިސް ވެއްޓިފައިވަނީ ސްޓޭޑިއަމް ޖެހިގެން އޮތް ކާރު ޕާކު ތެރެއަށެވެ. ބާރު އަޑުފަށްގަނޑެއް ކިޔައި، ހެލިކޮޕްޓަރުގައި ރޯވެ އޮތްއިރު އެންމެ ފުރަތަމަ ދަނޑުން ނިކުމެ އެތަނަށް ދިޔައީ ކީޕަރު ކެސްޕާ ޝްމެއިކެލް ކަމަށް ރިޕޯޓުތައް ބުނެއެވެ.